ކޯޓު އަމުރެއްގެ ދަށުން ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ފާސްކޮށްފައި ވަނީ ދިއްދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ފުރައްސާރަކޮޮށް، ކައުންސިލްގެ ބާރުތައް ކަނޑުވައި، ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށް، ސިޔާސީ ބޭނުމެއްގައި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ވަނީ ހއ.ދިއްދޫ ކައުންސިލްގެ އިދާރާއަށް ފުލުހުން ވަދެ ފާސްކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮއްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ފުލުހުން ބަލަމުން އަންނަ މައްސަލައެއް ގައި ކައުންސިލްގެ އިދާރާ ފާސްކޮށްފައި ވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ވެސް ފުލުހުން ހާމަކޮށްފައި ނުވާތީ އެއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ފާއިތުވީ ފަސް އަހަރު ތެރޭގައި ސަރުކާރުގެ ޢަމަލުތަކުން ތަކުރާރުކޮށް ފެންނަމުން ދަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި، ކައުންސިލަރުންގެ ބާރުތައް ހަނިކޮށް، ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރު" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް ޖިނާޢީ ކުށުގެ ތުހުމަތުކޮށް އެފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސްއެޅިފައި ވާކަމަށާއި އެހެންކަމުން އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބު ކަންކަމުގައި ފުލުހުން ބައިވެރިނުވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

"ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިގެންދާނެ" އެމްޑީޕީންގެ ބަޔާނުގައި ވެއެވެ.

ދިއްދޫ ރައްޔިތުންނާއި ކައުންސިލަރުންނަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ސާބިތުކަމާ އެކު ފެށުނީއްސުރެ ތިބޭ ބައެއް ކަން އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު ޢިމާދު

    ދެމެހެއްޓެނިވި ތަރައްޤީއާއި ތަރައްޤީގެ ވާހަކަ ދައްކަން އެމްޑީޕީ ލަދު ނުގަންނަނީ ލަދު ގަންނަން ދަންނަ ބަޔަކަށް ނުވާތީއެވެ. ވޭތުވެ ދިޔަ 4 އަހަރު ވެސް ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބަޖެޓް ފާސްކުރާން އެ ޕާޓީ މެންބަރުން ވޯޓެއްހާ ހިސާބު ވެސް ނުދެއެވެ. އަދި ނުވީތާކަށް ތަރައްޤީއަށް ހުރަސްއެޅުން ނޫންކަމެއް ނުކުރެއެވެ. މާލެ-ހުޅުލެ ބްރިޖް އެޅިޔަ ނުދޭން ރާޅާއަޅާ ކުދީން ލައްވައި މުޒާހަރާކުރުވިއެވެ. ރަސްފަންނު ހެދިޔަ ނުދޭން އެތައް ކަމެއް ކުރިމަތިކުރުވިއެވެ. އެތަން ހެދީމާ އެތަނަށް ކަޅުތެޔޮއެޅިއެވެ. ހުޅުމާލޭ ޕާކުތައް ހަލާކުކުރެއެވެ. އަބަދުވެސް ރާޖޭގެ އަމާންކަން ގެއްލުވައިލެވޭތޯ މަސައްކަތްކުރެއެވެ. ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލެވޭތޯ ކެނޑި ނޭޅި މަސައްކަތްކުރެއެވެ. ވީމާ، ކޯޓުއަމުރު ލިބިގެން ޤާނޫނާ އެއް ގޮތަށް ކުރިކަމަކީ ރަސްމީ ސިޔާސީ ޕާޓީއަކުން ކުށްވެރި ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. ޤާނޫނާ ޚިލާފަށް ޢަބްދުﷲ ގާޒީއާއި ޔާމީނާއި ޤާސިމް އިބްރާހީމް ހިފައި ހައްޔަރުކުރީމާ އޭރު އެއީ ޤާނޫނާ ޚިލާފު ކަމެކޭ ބުނެ ބަޔާނެއް ނެރެފައި އޮތް ނަމަ ތިޔައީ އިޚުލާބްތެރި ބަޔާނެކޭ ބުނެލުމުގެ ޖާގަ އޮތީހެވެ.