ރައީސް ޔާމީން މުޅި ގައުމުގައި ކެކުރި ބައްސަވަމުން ގެންދަވަނީ އެންމެނަށް އެއްވަރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި އޮތް ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން މުޅި ގައުމުގައި ކެކުރި ބައްސަވަމުން ގެންދަވަނީ އެންމެނަށް އެއްވަރަށް ކަމަށެވެ.

"މިތާންގައި ތިއްބެވި ބޭފުޅުން ކުޑަ ކެކުރި އަދި ބޮޑު ކެކުރީގެ ވާހަކަ ދައްކަވާތީ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ ރާއްޖޭގެ މިހާރު ހުންނެވި ރައީސް ޔާމީން ކެކުރި ބައްސަވާނީ އެންމެނަށް އެއްވަރަކަށޭ" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މިތިބީ މިސަރުކާރު ދިފާއު ކުރުމަަށް ކެރިގެން ނިކުމެ ކަމަށް ވިދާޅުވެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން އިރާދަކުރެއްވިޔާ އެއްލަކިން މިއަހަރު ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގެންނާނެ ކަމަށެވެ.

ގާސިމަށް ވަރަށް ބޮޑަަށް ފާޑުވިދާޅުވެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ފައިސާގެ ބާރުން ވެރިކަން ވެއްޓުމަށް ނިކުތުމަށް ވުރެން މީރާ އަށް ދައްކަން ހުރި ފައިސާ ދެއްކިޔާ މާރަގަޅު ވާނެ ކަމަށެވެ.

ކެކުރީގެ ވާހަކަ އަކީ މިދިޔަ އަހަރު އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވި ބަސްފުޅެކެވެ. މައުމޫން ވިދާޅުވީ ދަނޑުވެރިކަން ކުރާ މުއްސަނދި މީހަކަށް ކެކުރި ތިޔާގި މޫސުމެއް ދިމާވި ކަމަށާއި ދަނޑުގައި ކެކުރި ގިނަ އަދަދަކަށް ހުރުމުން ހިލޭ ކެކުރި ބެހުމަށް އެ މުއްސަނދި މީހާ ނިންމި ކަމަށެވެ. ނަމަވެސް އެ މީހާ ކެކުރި ބެހީ އިންސާފުން ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

"މީހުން އައިމަ އެ މީހާގެ މޫނަށް ބައްލަވާލައްވާފައި އޭނަ ހިއްޕުޅު ހަމަޖެހޭ މީހެއްނަމަ ބޮޑެތި ކެކުރި ދެއްވަނީ. ބައްލަވާލައްވާފައި އެއީ މާ ރަނގަޅު ނޫން މީހެއް ކަމަށް ފެންނަ ކަމުގައިވާނަމަ އައިބުވެފައި ހުރި އުނިވެފައި ހުރި ކުދިކުދި ކެކުރިތަކުގެ ތެރެއިން ކެކުރި ދެއްވަނީ،" ކުނޫޒުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިރުސް

    ތިޔަބުނާ ކެކުރިތައް ބަހަނީ ފުލެޓްބެހި އުސޫލަކުންނޫންތަ

  2. ހަމީދު

    ޕިންކް އެންމެނަށް އެއްވަރަކަށް ދޯ...

  3. ކެކުރި

    މުހައްމަދު އިސްމާއިލް ވެސް އެހަދަނީ ހުސް ދޮގު މަށަކައްވެސް ކެކުރި އެއް ނުދޭ

  4. ވަގު ތިނޫސް

    ކެކުރި ކައިން ކަލޭ ދުޅަވޭ... މީހުންނެއް ނޫޅޭ!!!

  5. އިދްރީސް

    ކަލޭ ފައިސާ ގޯނި ބެހީ ކިހިނެއް؟