ލައިސަންސް އާއި ރައިޓްސް ނެތި ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މަޝްވަރާކޮށްފިއެވެ.

އެ މައްސަލާގައި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިންނެވެ.

ބްރޯޑްކޮމް އިން ވިދާޅުވީ،ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެވޭނީ އެ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމަށާއި އެހެން ނަމަވެސް ގިނަ ރިސޯޓުތަކެއްގައި އެ ހިދުމަތް ލައިސަންސެއް ނެތި ދެމުންދާ ކަމަށެވެ.

އަދި އެ ކޮމިޝަނުން ވިދާޅުވީ، ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ރީބްރޯޑްކާސްޓް ކުރުމަކީ ބައިނަލްއަގުވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމަށެެވެ.

އެ ކޮމިޝަނުން ފާހަގަކޮށްފައިވާގޮތުގައި، ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބެ އެވެ. އަދި އޭގެ އިތުރުން ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ރިސޯޓުތަކުގެ މައްސަލަ ބެލުމުގައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.