އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުން ވަރަށް ހާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށާއި، އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވޭ މި މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނެރެވޭނީ އެންމެންގެ އެއްބާރުލުމާ އެހީތެރިކަމާ އެކު ކަމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

އެސޯސިއޭޝަން އޮފް ލޭޑީ އެންޓެޕްރިނިޔާސް (އޭ.އެލް.އީ)ގެ ހަލްފާއެއްގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ވިދާޅުވީ، މުޖުތަމައުގެ އެކި ދާއިރާތަކުގައި ހަމަހަމަކަމާއެކު އަންހެނުންނަށް ބައިވެރިވެވޭނެ ގޮތްތައް ހޯދައިދޭން އެންމެންވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ.

"ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނަށް ވީހިނދު އަންހެނުން ބާރުވެރި ކުރުވާ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުން ހާއްޞަ އަހަންމިއްޔަތުކަމެއް ދޭކަމަށް. އެގޮތުން ސަރުކާރުގެ އެކި ލޯނު ސްކީމްތަކުން އަންހެނުންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ އަންހެނުން ލޯނުތައް ވަނީ ދޫކުރެވިފައި." ޒެނީޝާ ވިދާޅުވިއެވެ.

ޒެނީޝާ ވިދާޅުވީ، އަލަށް ވިޔަފާރި ފަށަން ގަސްދުކުރާ ފަރާތްތަކަށް ސަރުކާރުން ތައާރަފްކޮށްފައިވާ ސްޓޮކް ލޯން ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ 40 އިންސައްތަ ހާއްޞަކުރެވިފައިވަނީ އަންހެނުންނަށާއި ޒުވާނުންނަށް ކަމަށެވެ. އަދި ދިވެހި އަންހެނުންނަކީ ވަރަށް މަސައްކަތްތެރި، ހީވާގި އަދި ހުނަރުވެރި ބައެއް ނަމަވެސް ވަޒީފާގެ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

އެހެންކަމުން މަސައްކަތުގެ މައިދާނުގައި އަންހެނަކަށްވީތީ ދިމާވާ ގޮންޖެހުންތައް ދެނެގަނެ އަދި ވަޒީފާދޭ ފަރާތަތައް މިކަންކަމަށް އަހުލުވެރި ކުރުވުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށްވެސް ޒެނީޝާ ވިދާޅުވިއެވެ.

ސާނަވީ އަދި މަތީ ސަނަވީ ތައުލީމު ހާސިލުކޮށްގެން މަތީ ވަނަތައް ހޯދަމުންދާ އަންހެން ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާކަން ފާހަގަ ކުރެވޭކަމަށް ޖެންޑަރ މިނިސްޓަރު ވިދާޅުވިއިރު، ދިވެހިރާއްޖޭގެ މަތީ ތައުލީމީ ނިޒާމުގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުން މަތީ ތައުލީމު ހާޞިލުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއާންތު

    ފުދުންތެރިބަޔަކަށް އަދި އަންހެނުން ބާރުވެރި ކުރުމަކީ އިޖުތިމާއީ ގޮތުން އަންހެންކަނބަލުން ކުރަމުންދާ ބުރަމސައްކަތްތައް ހަލާކު ކުރުންތޯ؟