މިހާރު މާލޭގައި ތަރައްގީ ކުރަމުންދާ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް ބޭނުންވާ ބައެއް މެޝިނަރީ އޮޕަރޭޓަރުންނާއިއެކު ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން އިއްޔެކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، އެ މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްރީލު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހައުސިންގ މިނިސްޓްރީއަށް އަގު ހުށަހެޅުމަށެވެ.

ހައުސިންގ މިނިސްްޓްރީން ނިންމާފައި ވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް ތާރު އަޅާށެވެ. އެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ.

މިހާރު ބޮޑުތަކުރުފާނުގެ މަގުގެ ބައެއް ސަރަހައްދުގައި ހުރި ގަސްތައް ވަނީ ކަނޑާފައެވެ. އަދި ހެންވޭރު އާޓިފިޝަލް ބީޗުގެ ސްޓޭޖް ވަނީ ތަޅާލާފައެވެ. އަދި މިހާރު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ޕާކު ކުރުން ވަނީ މަނާކޮށްފައެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށާއި، ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުން ދަނީ ޕޭމަންޓްތައް ރޫޅާލައި، މަގު ފުޅާކުރުމުގެ މަސައްކަތް ކަމަށެވެ.