ވެރިކަން ވައްޓާލަން މައުމޫން އުޅުއްވީ ޒާތީ ކަމެއް އޮވެގެން ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަދީބް ނައިބް ރައީސް ކަމަށް އައްޔަންކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް ތަފާތު އެކި ގޮތްގޮތަށް ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖަމީލް އުސްމާން ވިދާޅުވީ ވެރިކަން ބަދަލު ކުރުމަށް ރައީސް މައުމޫން މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ޕާޓީގެ އިސްމީހެއްގެ ގޮތުގައި ހުރެފައި އެފަދަ އަމަލެއް ހިންގުމަކީވެސް މުޅި ޕާޓީގެ މެންބަރުންނަށް ވެސް ލިބޭނެ ދެރައެއް, އަދި ޕާޓީ އަށް ކުރި ވަރަށް ބޮޑު ހިޔާނާތަކަށް ވާނީ" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައީ ޕާޓީގެ އެތަށް ގިނަ ގުނަ މެންބަރުންގެ ބުރަ މަސައްކަތުން ކަމަށާއި ނައީބު ރައީސް ކަމަށް އަދީބު އައްޔަން ކުރަން ނަން ފޮނުވީ ރައީސް ޔާމީން ވިއަސް ނައީބު ރައީސް ކަމަށް އަދީބު އައްޔަން ކުރަން ފާސް ކުރީ މަޖިލީހުންކަމަށެވެ.

އިއްޔެ ފުލުހުންގެ ފަރާތުން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަދީބް ނައިބު ރައީސް ކަމަށް އައްޔަންކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިސަރުކާރު ބަދަލުކުރުމަށް ތަފާތު އެކި ގޮތްގޮތަށް ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިމަސައްކަތް ކުރުމަށްޓަަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ގޮތުން ތަފާތު އަދަދުތަކުން ފައިސާދީ އިދިކޮޅު ފަރާތްތަކާ ގުޅުމަށް ދައުވަތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މަސައްކަތް އިސްވެ ހުންނަވައިގެން ފެއްޓެވީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ކަމަށެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ވެރިކަން ވައްޓާލަން މައުމޫން އުޅުއްވީ ޒާތީ ކަމެއް އޮވެގެން

  2. ޙަފްޞާ / މާލެ

    ބަފަޔަކު ފުރަދަންވަރު އޭނަގެ16 އަހަރުގެ ފިރިހެންދަރި ގޮވައިގެންގޮސް ވަގަށް ގެޔަކަށްވަދެ އެގޭގައި ހަރެއްގައިހުރި 15 ހޯސްޕަވަރުގެ އިންޖީނެއް އޭނަގެ ދަރިލައްވާ ގެއިން ނެރިގެން ދޯންޏަކަށް އަރުވައިގެން ދެބަފައިން އެއްކޮށް ފުރާގެންގޮސް އެހެން ރަށަކަށް ވިއްކާލިއެވެ.
    ބަފަޔަކު އޭނަގެ ދަރިލައްވާ ރިޝްވަތު ބައްސައިގެން ޤާނޫނީވެރިކަމެއް ވައްޓާލަން މަސައްކަތްކުރިއެވެ.

  3. ނައިން

    އިންސާނިއްޔަތަށްޓަކައި މައުމޫނަށް 10 އަހަރު ދުވަހަށް ވެރިކަންދީ ޕްލީޒް ސްޕްރީމްކޯޓް

  4. ޔުމްނާ

    ބައްޕާފުޅުގެ އަމިއްލަ އެދުން ހަމަބޮޑީ. އަދިވެސް މަދީ 30 އަހަރު ކެވުނުވަރު. ބޮޑުވަރެއް ބައްޕާ

  5. ނާނު

    މައުމޫނެއް ނޫލޭނެ ވެރިކަމުގެ ދަހިވެތި ކަމުގަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބޮލުގަ އަޅުވަން ތި އުޅެނީ ނުވާނެ ތިކަމެއް ނާޒިމް ޖެއްސިމަޅީގަ ޖައްސަން އުޅޭނެ ކަމެއް ނެއް އެއްލަކީ އިދި ކޮޅު ނަގާނަން ހީ ނުކުރާތި ތާއީދު އޮތީ އިދިކޮޅުގަ