ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 21:30 އަށް ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެ މުއްދަތުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށާއި، އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

“އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.” މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.

“އުތުރާއި މެދުތެރޭގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވުން އެދެން.” މެޓް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު