ހެންވޭރު ފޯރިންގްސް ކައިރިން ބިދޭސީއަކަށް ބިރު ދެއްކި މައްސަލައިގެ މިއަދުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު 11:00 އަށް ކޯޓުގައި ތާވަލުކޮށްފައިވާ މި މައްސަލައަށް ދައުވާ ލިބޭ، ކ.މާލެ ދަފުތަރު ނަންބަރު 5269، އަޙްމަދު އަރުޝަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށްފަހު މައްސަލަ ކެންސަލް ކުރި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ކ.މާލެ ދަފުތަރު ނަންބަރު 5269، އަޙްމަދު އަރުޝަދުގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، ކ.މާލެ، ހެންވޭރު ފޯރިންގްސް ކައިރިން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިދޭސީއަކަށް ބިރު ދެއްކުމަށްފަހު ފޭރެން އުޅުނު މައްސަލައިގައެވެ.

މިއަދު ހެނދުނު ބޭއްވުމަށް ހަމަޖެއްސި އަރުޝަދުގެ މައްސަލައިގެ ޝަރީއަތް ކެންސަލް ވެފައިވާއިރު، ރާއްޖެއިން ބޭރުގައި ހަނގުރާމައެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ މައްސަލަތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.