މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރްފިކް ކުރުމާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މައްސަލަ ބައްލަވާ ޤާޟީ ބޭނުންފުޅު ވެގެންނެވެ. މި މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލްވެފައިވާ ކަން، މި މައްސަލައިގައި ދަޢުވާ ލިބޭ ދެ މީހުންގެ ވަކީލުންނަށްވެސް އަންގާފައިވަނީ މިއަދު ކަމަށް "ވަގުތު" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މަސްތުވާތަކެއްޗާއެކު، ފިލްމީ ތަރި، މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ. މި މައްސަލައިގައި މަލްގެ އިތުރުން، އިތުރު އަންހެނަކު ހައްޔަރުކޮށްފައިވާއިރު، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ފުލުހުން ހިންގި ޙާއްޞަ އޮފަރޭޝަނެއްގައެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި، މަލީޙާ ވަޙީދާއި، ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާ އާއި ދެކޮޅަށް ދަޢުލަތުން ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެގޮތުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ، ޤާނޫނު ނަމްބަރު، 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، 136 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ، 105 ވަނަ މާއްދާގެ (ނ)ގެ ދަށުންނެވެ. މި މައްސަލަ މި ދެ މީހުންގެ މައްޗަށް ޘާބިތުވެއްޖެ ނަމަ، އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

އަދި މި ދެމީހުންގެ މައްޗަށް ކޮށްފައިވާ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ އަކީ، ޤާނޫނު ނަމްބަރު 17/2011 (މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން، 148 ވަނަ މާއްދާ އާއި ހަވާލާދީ، 115 ވަނަ މާއްދާގެ ދަށުން އުފުލާފައިވާ ދަޢުވާއެކެވެ. މި މައްސަލަ މި ދެމީހުންގެ މައްޗަށް ޘާބިތުވެއްޖެނަމަ، ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.

މަލް އާއި ރިފްޤާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެ ދަޢުވާ އަށް މި ދެ މީހުން އިންކާރުކޮށްފައިވާތީ، މި މައްސަލަ ސާބިތުކުރުމަށް ދަޢުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އެގޮތުން، ޝަފަޙީ 3 ހެއްކަކާއި، ކިތާބީ 2 ހެއްކެއް ދަޢުލަތުން ވަނީ ހުށަހަޅާފައެވެ. ދަޢުލަތުން ހެކި ހުށަހަޅާފައިވީ ނަމަވެސް، މިކަމާއި ގުޅޭގޮތުން ދިފާޢުގައި އެއްވެސް ހެއްކެއް ހުށަހަޅަން ނެތް ކަމަށް މަލް އާއި ރިފްޤާގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަލްޖަނގިޔާ

  އަންހެން ކުދިންނަށް ހުރި ހުތުރެއް

 2. ކުކުޅުބިސް

  11 ފިރިހެނުން

 3. މަލްކޮކާ

  ސްޓިކާ ޖަހާފަ ދޯކޮށްލަންވީނުން

 4. ތިމަންނަ

  ކެންސަލް ވިއްޔޭ! ތިޔަދަ ފެންނަނީ ތިޔަކަމުން ސަލާމަތް ވެދާނެކަމުގެ ކޮޅުމަތި