މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައެޅުމުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގަޔާއި، ސިނާއީ މަސައްކަތްކުރާ ތަންތަނާއި ރިސޯޓްތަކުގެ އިތުރުން ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުޞޫލު އިލެކްޝަންސް ކޮމިޝަނުގެ 403 ވަނަ ޢާއްމު ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.

އައު އުޞޫލުގެ ދަށުން ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެ ޤައުމެއްގައި ވޯޓު ލުމަށް މަދުވެގެން 200 މީހުން ރަޖިސްޓަރީކޮށް، އެ ޤައުމެއްގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ނުވަތަ އެމްބަސީއެއް ހުރުމާއެކު، އެ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ތަނަކާއި، އެ ފޮއްޓަށް ކަނޑައެޅޭ އޮފިޝަލުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ފޮނުވާ 2 އޮފިޝަލުން ފިޔަވައި ބާކީ ތިބި އޮފިޝަލުން އެ ޤައުމަކުން ހަމަޖައްސައިދޭނަމަކަމަށް އީސީގެ ތަރުޖަމާނު އަކްރަމް ވިދާޅުވީއެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުޞޫލު ފާސް ކޮށްފައިވާއިރު، ދިވެހިރާއްޖޭގައި ޖުމްލަ 130 ރިސޯޓް އޮޕަރޭޓް ކުރަމުންދެއެވެ. އޭގެ ތެރެއިން 59 އިންސައްތަ ރިސޯޓުގައި 100 އަށްވުރެ ގިނަ ދިވެހިން މަސައްކަތް ކުރާއިރު، 83 އިންސައްތަ ރިސޯޓުގައި 50 އަށްވުރެ ގިނަ ދުވެހިން މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ.

މި އުޞޫލުގެ އިތުރުން ރިޔާސީ އިންތިޚާބަށް ޢާއްމު ރައްޔިތުން ހޭލުންތެރިކުރާނެ ގޮތުގެ ޕްލޭންވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު