މިނިސްޓަރު ތޯރިގު ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މާލޭއާއި ރާއްޖެތެރޭގައި ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމަށް މިނިސްޓަރ އޮފް އެންވަރަޔަންމެންޓް އެންޑް އެނާޖީ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ "ސާފު ރާއްޖެ" މި ޝިއާރުގެ ދަށުން ރާއްޖޭގައި ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ އަދި ވޭސްޓް މެނޭޖުމެންޓް ކޮމްޕެނީ ( ވެމްކޯ) އާއި އެކު އެއްބަަސްވުމެއްގައި ސޮއިކުރުމަށް މިއަދު އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިނިސްޓަރ ތޯރިޤް ވިދާޅުވީ ކުނި މެނޭޖުކުރުމަކީ އެކަމަކަށް ކަނޑައެޅިފައި ތިބި ވުޒާރާތަކުގެ މީހުންގެ އެކަނި ޒިންމާއެއް ނޫން ކަމަށާއި އެކަށީގެންވާ ގޮތުގައި ކުނި މެނޭޖުކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމަށެވެ.

އަދި ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރެވެން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރެއިންކަން ފާހަގަކުރައްވަމުން މިނިސްޓަރ ތޯރިޤް ވަނީ ކުނި ނައްތާލުމުގައި އެދެވޭ ހައްލެއް މިހާރު ލިބިފައިވާ ކަމުގައި ވިދާޅުވެފައެވެ.

ވެމްކޯ އިން ކުނި އުފުލުމަށް ބޭނުންކުރާ ޕިކަޕުތަކެއް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

" މީގެ ކުރިން ރާއްޖޭގައި ނެތް އެއްވެސް ވަރަކަށް ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރެވިފައެއް. ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގެ 4 އަހަރުގެ ތެރޭގައި ކުންފުންޏެއް މެދުވެރިކޮށް ޕްލޭން ކުރެވިގެން ރާއްޖޭގައި ރައްކާތެރިކަމާއި އެކު ކުނި މެނޭޖުރެވެން މިވަނީ ފެށިފަ" މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

އަދި މިއަދު ޕީއެސްއާއި އެކު ވެވުނު އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ވެމްކޯއިން މާލެއާއި ރާއްޖެތެރޭގެ އެކި އެކި ސަރަހައްދުތަކުގައި ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރަމުންދާ ގޮތް ރައްޔިތުންނަށް ފޯރުކޮށްދީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުން ކަމުގައިވެސް މިނިސްޓަރ ތޯރިޤް ވަނީ ވިދާޅުވެފައެވެ،

ވެމްކޯ އިން ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކެއް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިއަދު ވެވިގެން ދިޔަ އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސް ވުމުގެ ދަށުން ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ އެކި އެކި ކަންކަން ކުރެވިގެންދާނެ ކަމުގައި ވެސް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ،

ކިޔުންތެރިންގެ ހިޔާލު