ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓް ފޮށިތައް ބަހައްޓާނީ އެ ފޮށިތަކަށް 200 މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައެޅުމުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފައި ވަނީ އެ ކޮމިޝަނުގެ 403 ވަނަ ޢާއްމު ޖަލްސާގައެވެ.

އެގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގަޔާއި، ސިނާއީ މަސައްކަތްކުރާ ތަންތަނާއި ރިސޯޓްތަކުގެ އިތުރުން ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުޞޫލު އެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް "ވަގުތު" އަށް ވިދާޅުވީ، އައު އުޞޫލުގެ ދަށުން ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ޤައުމެއްގައި ވޯޓު ލުމަށް މަދުވެގެން 200 މީހުން ރަޖިސްޓަރީކުރާ ގައުމުތަކުުގައި ކަމަށެވެ.

އަދި އެ ޤައުމެއްގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ނުވަތަ އެމްބަސީއެއް ހުރުމާއެކު، އެ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ތަނަކާއި، އެ ފޮއްޓަށް ކަނޑައެޅޭ އޮފިޝަލުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ފޮނުވާ 2 އޮފިޝަލުން ފިޔަވައި ބާކީ ތިބި އޮފިޝަލުން އެ ޤައުމަކުން ހަމަޖައްސައިދޭނަމަ ކަމަށް އީސީގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީއެވެ.

ރިޔާސީ އިންތިހާބުގެ އިންތިޒާމުތައް ފުރިހަމަކަމާއެކު އީސީ އިން ކުރިއަށް ގެންދަމުންދާއިރު އިދިކޮޅު ފަރާތްތަކުން އަދިވެސް ތުހުމަތު ކުރަމުންދަނީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެން ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣުޑް

    ޥަރަށް ރަނގަޅު ނިންމުމެއް މަވެސް ބޭނުން ވޯޓުލާ އެކަމަކު މަމިހިރީ ރާއްޖޭން ބޭރުގަ ކިޔަވަން ގާތް ގަނޑަކަށް މިތާގަ އުޅެނީ 7 ދިވެހިން