ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް 14،000 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފިއެވެ.

ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް 14،000 އެމެރިކާ ޑޮލަރު (215،880 ރުފިޔާ) ހަދިޔާކުރައްވާފައި ވާއިރު ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެ ރިސޯޓުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރ ޖޮނަސް އަމްސްޓަޑްއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އަލްފާޟިލާ ޝިދާތާ ޝަރީފެވެ.

މި އެހީ އަކީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރެވުނު 7،000 އެމެރިކާ ޑޮލަރާއި، ފިޔަވަތިއަށް ހަދިޔާކުރެވުނު 7،000 އެމެރިކާ ޑޮލަރެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާން، ރައްކާތެރި އަދި ދިރިއުޅުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކަމަށެވެ.

އަދި އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމުގެ މަތިން ދެއްވާ މި ފަދަ އެހީތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 155 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތީގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 19 ނަވާރަ

    ހިޔާއަށް ކުދިން ގެންނައިރު އޯޓިޒަމް ކުދިންނަށް ބަލާބަލަ. 16 އަހަރުގެ ކުއްޖެއް މަންމަ ދޫކޮއްލުމުން ބައްޕަވަނީ އެކުއްޖާ މީހަކާދެވުމަށް. މީތޯ ކުދިންގެ ހައްގުތަކަކީ

  2. ބެޑު

    ކޮބާ ބެޑުޝީޓު؟