ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ ފެރީ އަކާއި ލޯންޗެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ އެކަކަށް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުލޭ ނެރު ކައިރިންނެވެ.

މި އެކްސިޑެންޓުގައި 5 މީހަކަށް އަނިޔާވެގެން ވަނީ އަނިޔާވެފައެވެ.

ފުލުހުން ރޭ ވިދާޅުވީ، އަނިޔާވެފައި ވަނީ، އެއާޕޯޓު ފެރީގައި ތިބީ އަންހެން 4 ފަތުރުވެރިންނަށެވެ. އެމީހުންަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އަދި ލޯންޗުގައި ހުރި ދިވެހި ފިރިހެނަކަށްވެސް ސީރިއަސް ނޫން އެކިވަރުގެ އަނިޔާތައް ވެފައި ވެއެވެ.

އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، އެ އެކްސިޑެންޓާއި ގުޅިގެން ރޭ އެ ހޮސްޕިޓަލަށް ގެނައި ފަސް މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ އެކަކަށް ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ރޭގެ އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.