މުޅި ދުނިޔެއަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޒިމްބާބުވޭގެ މުފްތީ އިސްމާއިލް ބިން މޫސާ ރާއްޖެ ވަޑައިގެންފިއެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ދެއްވި ދައުވަތަކަށް ދެންމެގެ ވަގުތެއްގައެވެ. އެމަނިކުފާނު މިހާރު ހުންނެވީ ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މިރޭ 20:15 ގައި ކާނިވާ ސަރަހައްދުގައެވެ. އެ ދަރުސް ދެއްވާނީ "ރިލިޖިއަސް ރިހެބްލިޓޭޝަން" މި މައުޟޫގެ މައްޗަށެވެ. އަދި މި ދަރުހުގައި ދީނީ ގޮތުން ރިހެބްލިޓޭޓް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް މެންކް އަލިއަޅުވައިލައްވާނެއެވެ.

މުފްތީ މެންކު ރާއްޖެ ވަޑައިގަތުން -- ފޮޓޯ: ވަގުތު އިމޭޖެސް

ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ އައްޑޫ ނޫރާނީ ސްކޫލުގައެވެ. އެ ދަރުހުގައި އިސްލާމް ދީނުގެ މަގުން ބައެއް މުސްލިމުން ކައްސައިލަނީ ކީއްވެގެންތޯ އާއި، ދީން މަތީ ދެމިތިބުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވައިލައްވާނެއެވެ.

މެންކްގެ ތިންވަނަ ދަރުސް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ސްކޫލުގައެވެ. އެ ދަރުހުގައި ދީން ބައެއް މީހުން ދެކެމުން އަންނަ ނަޒަރިއްޔާ އާއި ބެހޭ ގޮތުން ދަރުސް ދެއްވާނެއެވެ. އަދި އެ ދަރުހުގައި ދީނީ އަސްލު ނަޒަރިއްޔާ އަކީ ކޮބައިކަންވެސް އޮޅުންފިލުވައިދެއްވާނެއެވެ.

މި ހުރިހާ ދަރުސެއްވެސް ސަންގު ޓީވީ އިންނާއި ރާއްޖެ ޓީވީގެ އިތުރުން ޕީއެސްއެމްގެ ދީނީ ޗެނަލް މުންނާރު ޓީވީ އިން ވަނީ ލައިވްކުރުމަށް ނިންމާފައެވެ.

މުފްތީ މެންކު ރާއްޖެ ވަޑައިގަތުން -- ފޮޓޯ: ވަގުތު އިމޭޖެސް

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މި ހުރިހާ ދަރުހެއްގައި ބައިވެރިވުމަށްވެސް ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ ހުރިހާ މުވައްޒަފުންގެ އިތުރުން ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށެވެ.

އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވާނީ މުފްތީ މެންކް ކަމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު ހުކުރު ހުތުބާ ދެއްވާނީ މުފްތީ މެންކް ކަމަށާއި، ހުކުރު ހުތުބާގައި އެމަނިކުފާނު ބޮޑަށް އަލިއަޅުވާލައްވާނީ "ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދުމާއި، އަދި ހަލާލު މަގުގައި ހަރަދު ކުރުމާ" ބެހޭ ގޮތުން ކަމަށެވެ.

މުފްތީ މެންކު ރާއްޖެ ވަޑައިގަތުން -- ފޮޓޯ: ވަގުތު އިމޭޖެސް

މި ދަރުސްތަކުގެ އިތުރުން "ޔޫތް ޑިސްކަޝަން ފޯރަމް" ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ހާއްސަ ވޯކްޝޮޕެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ޔޫތް ޑިސްކަޝަން ފޯރަމް" އޮންނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ފޯރަމްގައި ވައިވެރިވުމަށް ހުޅުވާލައިފައި ވަނީ ގްރޭޑް 9،10،11 އަދި 12ގައި ތައުލީމް ހާސލް ކުރަމުން އަންނަ ދަރިވަރުންނަށާއި ކޮލެޖް / ޔުނިވަރސިޓީ އަދި އެންޖީއޯ ތަކަށެވެ. އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށާއި، ފޯރަމުގައި ބައިވެރިވާން ބޭނުން ކަމުގައިވާނަމަ އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުއްވައި ނަންނޯޓު ކުރެއްވުމަށް އެދޭ ކަމަށެވެ.

ދީނީ އިލްމުވެރިންގެ ވޯކްޝޮޕަކީ މުފްތީ މެންކް މިފަހަރު ރާއްޖޭގައި ހިންގާނެ އެންމެ ފަހު ހަރަކާތެވެ. އެ ވޯކްޝޮޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އިސްލާމިކް ސެންޓަރުގެ ހޯލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހްމދު

    ކިހިނެއް މުފްތީ އަކަށް ވީ މީހެއް ތަ މިއީ.
    މަޝްހޫރު ކޮންމެ މީހަކީ ޢިލްމުވެރިއެއް ނޫނެވެ.

    8
    54
  2. ދިވެހި ފޭރާން

    ސައުދީ އިން ފަންޑް

    11
    5
  3. ☝️

    ވ. އުފާ ވެއްޖެ... الحمد لله

    46
    2
  4. ޢަންނި

    ޢަންނިއަށް މިކަން ހަޖަމުވާނެބާ؟؟

    33
    3
    • ކޮސް

      ހަމަ ވިސްނޭ މީހަކަށް ހަޖަމެއް ނުވާނެ

      4
      10
  5. އަޙްމަދް

    ތީ ސެލްފީ މެންކު.
    އެއްމެން ދުވޭ އެނާފަހަތުން ސެލްފީނަގަން.

    7
    15
  6. ބަރަބޮންޑި

    ހަރުނުވެ ހުރިކަށިކޮޅު ހަރުކޮށްލަން

    2
    8
  7. ފާތުން

    ނުބެހޭކަންތަ ކާނުބެހި ތިބެން ދަސްކޮއްބަލަ.

  8. ފާތުން

    މެންކް ތީ ވަ އަގު ހުރި ހެޔޮ ދަރުސް ދެއްވަވާ ބޭ ފުޅެ.މަރުހަބާ ރާއްޖެ އައީތީ.

  9. ޢަފީ

    އަޅުގަނޑަށް މި ލިޔުން ކިޔަމުންދިޔައިރުވެސް އިނގޭ މެންކް ރާއްޖެ ވަޑައިގަތުމުން އެކަން ހަޖަމް ނުވާނެ ވަރަށް ގިނަ މީހުން އުޅޭނެ ކަން.. ކޮމެންޓްތަކުން ދިވެހިންގެ ފެންވަރު ހާމަވާނެ.. އަދި މި ރާއްޖެއިން ދީން ފޮހެވިގެން ދާ މިންވަރުވެސް.. ހާދަ ހިތާމަ އޭ..