ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިއްދޫގައި އެޅި ފްލެޓުތަކާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

އެވާހަކަތައް ދޮގު ކުރައްވައި އަބްދުލްލަތީފު ކުރެއްވި ޓްވިޓުގައި ވިދާޅުވެފައިވަނީ ދިއްދޫގައި ހުރި 250 ފްލެޓްގެ ބިންގާ އަޅާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެ ފްލެޓްގެ ބިންގާ އަޅާފައިވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ކަމަށެވެ.

އޭގެ ފަހުން އެ ހުރިހާ ފްލެޓްތަކުގެ މަސައްކަތް ނިންމާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް އަބްދުލްލަތީފު ވިދާޅުވިއެވެ.

"ހއ، ދިއްދޫ ރައްޔިތުންގެ ހިތަކުން ނުފިލާނެ އަދި ހަނދާނެއްވެސް ނުނެތޭނެ. ދިއްދޫގައި އަޅާފައިވާ 250 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީވެސް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު. ހުރިހާ ފްލެޓް ތަކުގެ އެ މަސައްކަތް ކޮށްދެއްވާ ނިންމަވައިދެއްވީ ރައީސް ޔާމީންގެ ސަރުކާރުން. ޝުކުރިއްޔާ." އަބްދުލްލަތީފްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުންވެސް އެ 250 ފްލެޓްގެ މަސައްކަތް ނިމި އެ ޔުނިޓްތަކަށް ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް ކަރަންޓް ލިބޭނެ ގޮތް ހަމަ ޖައްސަވައި ދެއްވީވެސް ރައީސް ޔާމީން ކަމަށް އަބްދުލްލަތީފު ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" ކެމްޕޭނުގައި ރޭ ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެރަށުގައި އެއްވެސް ފްލެޓެއް އެޅިފައިވާ ނުވާ ކަމަށާއި އޭގެ ކުރިން އެމަނިކުފާނުގެ ސަރުކާރުގައި އަޅާފައިވާ 250 ފްލެޓްގެ ތެރެެއިން 135 ފްލެޓް ދިއްދޫ ރައްޔިތުންނަށް ދިން އިރު ބާކީ ހުރި ފްލެޓްތައް މިދިޔަ 12 އަހަރު ހުރީ ފަޅަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަހުމަދު

    މިއޮތްހުރިހާދުވަހު މަޖލިސް ވެސް ހުރީ ފަޅަށް

  2. Anonymous

    ލަތީފުބޭ އެއީ ހިނދުކޮޅުގައި ހުންނަ ބޭފުޅުންގެ ގޮތް. އެވަރުބަޔަކަށޭ ދުޢާދެއްވާފަ އޭ ކިޔާ ވެރިކަން ދިނީ.

    10