މިއަހަރުގެ ތެރޭގައި ތިލަފުށީގައި ކުނި އެންދުން އެއްކޮށް ހުއްޓާލެވި ކުނި އެންދުމަށް ހައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ

މިއަދު އިންޑަސްޓްރިއަލް ވިލޭޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ މަދުން ނަމަވެސް ތިލަފުށީގައި ކުނި އަންދަމުން ގެންދާ ކަމަށާއި އަމާޒަކީ މިއަހަރު ނިމޭއިރު ތިލަފުށީގައި ކުނި އެންދުން އެއްކޮށް ހުއްޓާލައި ޒަމާނީ އާލާތްތަށް މެދުވެރިކޮށް ކުނި ނައްތާލެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުން ކަމުގައެވެ.

އަދި ކުނި ނައްތާލުމަށް ބޭނުންވާ އިންސްލޭޓަރު ގެނެސް އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވޭލާ ސިސްޓަމްއެއް ގެނެސް ވޭލް ކޮށްގެން ކުނި ނައްތާލުމުގެ މަސައްކަތްތަށްވެސް ކުރަމުން ގެންދާ ކަމުގައި މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

"މިހާރުވެސް މަދުން ނަމަވެސް ތިލަފުށީގައި ކުނި އަންދާ. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމޭއިރު ތިލަފުށީގައި ކުނި އެންދުން ހުއްޓާލާ ޒަމާނީ އާލާތްތަށް ބޭނުންކޮށްގެން ކުނި މެނޭޖުކުރުން" މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

އަދި މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސިކް ވޭސްޓް މެނޭޖުމެންޓް ޔުނިޓެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި ވެމްކޯގެ ހިދުމަތް މުސްތަގުބަލުގައި ފުޅާވެގެންދާނެ ކަމަށާއި މިހާރުވެސް ރައްކާތެރިކަމާއި އެކު ކުނި މެނޭޖުކުރުމުގެ އެތަކެއް މަސައްކަތެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ ސާފު ތަނަކަށް ވެއްޖެ ނަމަ އެކަަމަކީ ރާއްޖޭގެ އިޤްތިސާދަށް ވެސް މަންފާ ކުރާނެ ކަމެއް ކަމުގައި މިނިސްޓަރ ތޯރިޤް ވަނީ ވިދާޅުވެފައެވެ.