މުލަކުން ނިޔާވި މީހާ އަކީ ނަފްސާނީ ބައްޔަކަށް ބޭސްކުރަމުންދާ މީހެއް ކަމަށް މ.އަތޮޅުގެ ކައުންސިލްގެ ރައީސް އަޝްރަފް ވިދާޅުވެއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ 44 އަހަރުގެ މުހައްމަދު އަބްދުއްރަހްމާނެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަޝްރަފް ވިދާޅުވީ މުލަކުން ނިޔާވި މީހާ ނަފްސާނީ ބައްޔަކަށް ބޭސްކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

ނަމަވެސް މީގެ ކުރިން އަމިއްލައަށް މަރުވާން މަސައްކަތް ކުރުން ފަދަ ކަމެއް ނުވަތަ ގެއިން ނިކުމެގެން ދަންވަރު ދިއުން ފަދަ ކަމެއް އޭނާގެ ކިބައިން ފެނިފައެއް ނުވެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ނިޔާވި މީހާ އަކީ ޖިންނީގެ އުނދަގޫ ހުންނަ މީހެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް އެއީ ކައުންސިލްގެ އެއްވެސް ބަހެއް ލިބިގެން ފަތުރާ ވާހަކައެއް ނޫންކަކަމަށެވެ.

އޭނާ އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށާއި އެއްވެސް މީހަކާއި ޒާތީވެފައި ނުއޮންނާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު ވަނީ ނަފްސާނީ މައްސަލައަކަށް ރާއްޖެ އިން ބޭރުން ވެސް ފަރުވާ ހޯދާފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވިދާޅުވީ މުހައްމަދުގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.