ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2008 ވަނަ އަހަރު ވެވަޑައިގެންނެވި ދަތުރުފަތުރުގެ ވަޢުދާއި ގުޅިގެން، އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ސިވިލް ކޯޓުން ކެންސަލް ކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ބުނީ މިއަދު ހެނދުނު 11:40ގައި ދީބާޖާ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ ކެންސަލްވި ސީދާ ސަބަބެއް ސިވިލް ކޯޓުން ހާމައެއް ނުކުރެއެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 348.10 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭށެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވިދާޅުވީ އެކަން ކުރެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު