ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނަށް ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބަލާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ ވެކްސިން ޖެހުމާ ދެކޮޅު ހަދާ ފަރާތްތަކާ މެދު އެޅޭނެ ގާނޫނީ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޖަމްޝީދު ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށް ތަސްދީގުކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެތޯ ސުވާލު ކުރައްވާފައެވެ.

ޖަމްޝީދުގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު އޮތްގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެކަމަކު ގާނޫނީ ގޮތުން އެކަމަށް އެޅެންހުރި އެހެން ފިޔަވަޅުތައް ބައްލަވާނެ ކަމަށް ވެސް ޝަމީމްގެ ޓްވީޓްގައިވެއެވެ.

https://twitter.com/HuShameem/status/1217129667594874881?s=20

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ގާނޫނެކެވެ. އެ ގާނޫނުގެ 20ވަނަ މާއްދާގައި ބުނެފައިވަނީ ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

އެ ގާނޫނުގައި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ވެކްސިން މަޖުބޫރު ކޮއްފައި ނުވާ ވީއިރު ރާއްޖެ ފަދަ ކުޑަ ޤައުމަކުން ވެކްސިން ޖެހުން މަޖުބޫރު ކުރުމަކީ ޑިމޮކުރަސީ އިން ލިބިފައިވާ މިނިވަންކަން ނިގުޅައިގަތުން.

  2. ހުސޭނުބޭ

    ވައްކަންކުރަން ވަރަށް މޮޅެއްނު! އަޅެ ކީއްވާނީ އެމީހުން ނިދާފައި ތިއްބައި ވަގަށް ވެކްސިން ޖެހިއްޔާ!

  3. އަޙްމަދް

    1)ސުވާލަކީ ވެކްސިން އާއި ބެހޭގޮތުން ކިހާވަރަކަށް މަޢުލޫމާތު އެބަހުރިތޯ އެެވެ؟
    2)ސުވާލަކީ ވެކްސިން އުފައްދަނީ ކޮންކޮން އެެއްޗިއްސެއް ބޭނުން ކޮށްގެންތޯ އެވެ؟
    3) ސުވާލަކި ސައިންޓިފިކް ގޮތުންނައި ސިއްޙި ގޮތުން ވެކްސިނަކިީ ކިހާ ރައްކާތެރި އެއްޗެއްތޯ ބަޔާން ކޮދެވިދާނެތޯ އެވެ.

  4. އަޙްމަދް

    ޤާނޫނީ ފިޔަވަޅު އެޅުއްވުމުގެ ކުރިން މިފަދަ ސުވާލުތަކަށް ކަމާބެހެ ފަރާތްތަކުން ސާބިތު ކަމާއި އެކު ރައްޔިތުން ނަށް ޖަވާބުދެއްވުންމަކީ ވަރަަށްވެސް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
    ކަންކަމުގައި އަވަސް އަރުވާލާ ހަރުކަށި ކަން ކުރިއަށް ނެރުމަކީ ނަތިޖާ ރަނގަޅު ނުވެދާނެ ކަމެކެވެ.
    1)ސުވާލަކީ ވެކްސިން އާއި ބެހޭގޮތުން ކިހާވަރަކަށް މަޢުލޫމާތު އެބަހުރިތޯ އެެވެ؟
    2)ސުވާލަކީ ވެކްސިން އުފައްދަނީ ކޮންކޮން އެެއްޗިއްސެއް ބޭނުން ކޮށްގެންތޯ އެވެ؟
    3) ސުވާލަކި ސައިންޓިފިކް ގޮތުންނައި ސިއްޙި ގޮތުން ވެކްސިނަކިީ ކިހާ ރައްކާތެރި އެއްޗެއްތޯ ބަޔާން ކޮދެވިދާނެތޯ އެވެ.
    ޒިއްމާދާރު ކަމައިއެކު ރައްޔިތުންގެ މިފަދަ ސުވާލުތަކަށް ފާޅުގައި ޖަވާބުދެއްވާ ވެކްސިންގެ މައުލޫމާތު ހާމަކޮއްދެއްވާށެވެ.

  5. ބެއްޔާ

    ޤާނޫނުގައި ސާފުބަހުން ނެތްކަމެއްގައި ތިގޮތަށް ގަދަކަން ނުދެއްކޭނެ. ރައްޔިތުން ނުކުރާން އުޅޭކަމެއް މަޖްބޫރުމުކުރަނީ ބަޔަކަށް ކަޓުލިބޭތީތޯ. މިބުނީ ވެކްސިން ވިއްކައިގެން. ވެކްސިން ޖަހައިގެން ބަލި ނުޖެހޭނެތޯ. އެއްވަނަ ދުނިޔޭގެ ގައުމުތަކުން ވެކްސިނާމެދު ސުވާލު އުފައްދާ ސަބަބެއް ހާމަކުރެވިދާނެތޯ. ވެކްސިން އުފައްދަނީ ކޮން އެއްޗެއްސެއް ބޭނުންކޮށްގެންތޯ