ޝަރުއީ ކޯޓުތަކަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 69 ޕަސެންޓު މައްސަލަ ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޝަރުއީ ކޯޓުތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި ހައި ކޯޓާއި މާލޭގެ ދަށު ކޯޓުތަކާއި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް މުޅި ޖުމްލަ 20،900 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި 2018ވަނަ އަހަރު ނިމިފައި ނުވާ 10،000 މައްސަލައަކާއި އެކު ޖުމްލަ 31،000 މައްސަލަ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް ވެއެވެ.

ޑީޖޭއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ މައްސަލަތަކުގެ ތެރެއިން 21،300 މައްސަލަ ވަނީ ނިންމާފައެވެ. އެގޮތުން އެއީ 2018ވަނަ އަހަރާއި ބަލާއިރު ހަތަރު ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ނިމުނުއިރު ނުނިމި ވަނީ 9،700 މައްސަލައެވެ.

އެންމެ ގިނަ މައްސަލަ ނިންމި ކޯޓަކަށް ވެފައިވަނީ ސިވިލް ކޯޓެވެ. އެހެންނަމަވެސް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކޯޓަކީ ފެމިލީ ކޯޓެވެ. ފެމިލީ ކޯޓުން 3،600 މައްސަލަ ބަލާފައިވާއިރު 3،000 މައްސަލަ އެ ކޯޓުން ވަނީ މިދިޔަ އަހަރު ނިންމާފައެވެ.

ކްރިމިނަލް ކޯޓުން 3،000 މައްސަލައެއް މިދިޔަ އަހަރު ބެލިއިރު، އޭގެ ތެރެއިން އެކޯޓަށް ނިންމުނީ 1،300 މައްސަލަ އެކެވެ.

ޑީޖޭއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އެންމެ މަދުން މައްސަލަތައް ނިންމާފައި ވަނީ ސުޕްރީމް ކޯޓުންނެވެ. އެކޯޓުގައި 247 މައްސަލައެއް އޮތްއިރު ނިންމިފައިވަނީ 49 މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިދާފަ

    ކޮބާ މެޖިސްޓްރޭޓް ކޯޓް ތަކުގެ މަސައްކަތް، އެކޯޓް ތަކުގެ މަސައްކަތް ވެސް އެއީ ބޭކާރު ކަމަކަށް ވާތީތޯ ހިމަނާފައި ނުވަނީ
    ސުޕްރީމް ކޯޓްގެ މަސަކަތް ވަރަށް ފުރިހަމަ

  2. ހަސަން

    އެއީ ޖޭއެސްސީގެ ހަރުދަނާ ސިޔާސަތުގެ ދަށުން ލިބުނު ކުރިއެރުމެއްކަމަށް ބަޔަކު ބަލާފާނެ.. ގާޒީނަށް މަރުހަބާ. ޖޭއެސްސީގެ ބިރުދެއްކުމާއެކުވެސް ކުރި މަސައްކަތަށް ސާބަސް. ވަޒީފާއިން ވަކިކުރި މީހުންގެ ބަދަލުގައި އަދި އެކަކުވެސް އައްޔަންނުކުރޭ. ސްޕްރީންކޯޓުގެ ވާހަކއެއްނޫން. ދަށުކޯޓުގެ ވާހަކަ