މިހާތަނަށް ކުރި ޓެސްޓްތަކުންނާއި، ހެދި ދިރާސާތަކުން އިތުރު އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ނުވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހިމަ ބިއްސާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ހިމަބިހި ފެތުރެމުން އަންނާތީ އެބައްޔަށް ޓެސްޓު ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އެއްބާރުލުން ދީފައިވާ ކަމަށާއި މިއަދު ޓެސްޓް ހެދި 15 މީހުން ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

"މިއަދު 15 ފަރާތް ޓެސްޓް ކުރެވުނު. އޭގެ އެއްވެސް ފަރާތެއްގައި ބަލި ހުރި ކަމަށް ދައްކާފައެއް ނުވޭ. ހުރިހާ ފަރާތްތަކުންވެސް ނެގެޓިވް ކަމަށް ދެއްކީ. އިތުރު މީހަކު އަޅުގަނޑުމެންނަކަށް ފެނިފައެއް ނުވޭ. އެހެން ނަމަވެސް އަޅުގަނޑުމެން ނިމުނީކަމަށް ބަލަނީއެއް ނޫން. ޓެސްޓް ކުރެވުނު ފަރާތްތައްވެސް އަލުން ޓެސްޓް ކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސީދާ ހިމަބިއްސަށް ޝައްކު ނުވިއަސް ހުމާއި އެހެން އަލާމާތްތަކަށް ފެނުމުން، އެފަރާތްތަކުން މިހާރުވެސް ޓެސްޓް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ފަރުވާ ދިނުމަށް ކަމާއި ބެހޭ އިދާރާތްތަކުގެ މީހުން ލައިގެން ހާއްސަ ޓާސްކް ފޯހެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހުމަދް އަޝްހާދް އަބްދުﷲ

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް، ހިމަބިއްސަށް ޝައްކު ކުރެވިގެން ފުރަތަމަ ޓެސްޓް ހަދައި ޕޮޒިޓިވް ވެފައިވަނީ އުމުރުން 3 އަހަރުގެ ފިރިހެން ކުއްޖެވެ. އެ ކުއްޖާއަށް ހިމަ ބިހި ޖެހުނު ގޮތެއް މިހާރު ކަމާއި ބެހޭ އިދާރާތްތަކުން އަންނަނީ ބަލަމުންނެވެ. އޭގެ ފަހުން ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ އިތުރުންވެސް އިއްޔެގެ ވަގުތެއްގައި ވަނީ އިތުރު ކުއްޖަކު އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.