މިދިޔަ އަންގާރަ ދުވަހު މ. މުލަކަށް އިރު އެރިއިރު އެރަށުގެ ރައްޔިތުންގެ ތެރޭގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. އެރަށުން 44 އަހަރުގެ މުހައްމަދު އަބްދުރަހުމާން ދުނިޔެއާއި އަލްވަދާއު ކީޚަބަރަކީ ރަށުގެ ރައްޔިތުން ސިއްސުވާލި ޚަބަރެކެވެ.

މީހާތަނަށް އެއްވެސް މީހަކާއި މައްސަލައެއް ޖެހި ހަސަދަވެރިކަމެއްވެސް ނޯންނަ މުހައްމަދު ބޮޑެތި ޒަހަމްތަކަކާއި އެކު ނިޔާވެފައި އޮއްވައި ފެނުމުން މުޅި ރަށުތެރޭގައި ވަނީ ސުވާލުތައް ގިނަވެ މާޔޫސްކަން އިތުރުވެފައެވެ.

ރަށުތެރޭގައި އެކި މީހުން ވާހަކަ ދައްކަމުން ދަނީ އެކި ގޮތަށެވެ. މުހައްމަދަކީ "ޖިންނި ބަލި" ޖެހިފައި ހުންނަ މީހެކޭ އެއްބަޔަކު ބުނަމުން އަންނަ އިރު އާއިލާއިން ބުނަމުން އަންނަނީ އޭނާ ނަފްސާނީ ބައްޔަކަށް ބޭސްކުރަމުން އައި ކަމަށެވެ. މިކަމުގެ ސައްހަ މައުލޫމާތަކީ ކޮބައިކަންވެސް އޮތީ ވަރަށް ބޮޑަށް އޮޅިފައެވެ.

އެއީ ޖިންނި ބަލި ނުވަތަ ރޫހާނީ ކަމެއްގެ ސަބަބުން މޮޔަވުމަކީ ނަފްސާނީ ކަމެއްގެ ގޮތަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެއެވެ. ނުވަތަ ނަފްސާނީ ބަލިމަޑުކަމެއްގެ ސަބަބުން މީހެއްގެ ފަރާތުން ފެންނަ ކަންކަން ރޫހާނީ ބާރެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށްވެސް މީހުން ގަބޫލުކޮށްފާނެއެވެ. އެހެން ކަމުން އެރަށުގައި މުހައްމަދުގެ މަރާއި ގުޅުވައިގެން ފަތުރަމުން އަންނަ ވާހަކަތައްް އެއްވެސް ކޮޅަކީ ސައްހަ ނުވަތަ ދޮގު ވާހަކަތަކެކޭ ބުނެވޭކަށް ނެތެވެ.

މުހައްމަދަކީ މަޑުމައިތިރި މީހެއް: ކައުންސިލް

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުލަކު ކައުންސިލުން ވިދާޅުވެފައި ވަނީ މުހައްމަދަކީ މިހާތަނަށް އެއްވެސް މީހަކާއި ހަސަދަވެރިކަމެއް އޮންނަ އަދި އޮވެދާނެ މީހެއް ކަމަށްވެސް ގަބޫލު ނުކުރާ ކަމަށެވެ.

"އަނެއްހެން އެހާ ގިނައިން ބޭރުމަތިންނެއް ނުފެންނާނެ އޭނާއެއް. އަޅުގަނޑަށް އޭނާ އެންމެ ގިނައިން ފެންނަނީ ހޮޓަލުގެ ތެރެއިން. އެހާ ބަސްގިނަ މީހެއް ނޫން އެއީ. އެކަމަކު މީހުންނަށް ވަރަށް ހެޔޮވާނެ." މުލަކު ކައުންސިލްގެ ރައީސް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ކައުންސިލަށް ގުޅައި މައުލޫމާތު ހޯދައިގެން ބައެއް ނޫސްތަކުންވެސް އޭނާ އަކީ ޖިންނި ބަލި ހުންނަ މީހެއް ކަމަށް ވާހަކަ ފަތުރަމުން ދާކަމަށާއި އެކަން ކައުންސިލުން ކުއްވެރި ކުރާ ކަމަށެވެ،

އަދި އެފަދަ ކަމެއްވެސް ނޫޅެދާނެ ކަމަށް ބުނަން ނޭންގޭ ކަމަށާއި އެކަން ޔަގީން ކުރަންވެސް ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މުހައްމަދަކީ ޖިންނި ބަލި ހުންނަ މީހެއް ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ހުއްޓާލުމަކީ ކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޑު އިވިފައި އޮތީ މުހައްމަދުގެ ކިބައިން "ޖިންނި ބަލީގެ" ކަންތައްތައް ފެންނަ ކަމަށް: މުލަކުގެ ރައްޔިތެއް

"ވަގުތު" އަށް ނަން ހާމަނުކުރުމަށް އެދި މައުލޫމާތުދިން މުލަކުގެ ރައްޔިތަކު ބުނެފައިވާ ގޮތުގައި މުހައްމަދު ނިޔާވުމުގެ ކުރިންވެސް އޭނާގެ "ޖިންނި މޮޔަވާ" ކަމަށް ރަށުތެރޭގައި ވާހަކަދެކެވުނެވެ. އެހެން ނަމަވެސް އެވާކަތައް މުޅި ރަށުތެރެއަށް ފެތުރިގެން ދިޔައީ އޭނާގެ ހަގީގަތެއް ނޭންގޭ މަރުން ކަމަށާއި އެއްވެސް މީހަކު އެވާހަކަ ދައްްކަނީ އެކަމުގެ ފުރިހަމަ ޔަގީންކަމެއް އޮވެގެން ނޫން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ނޫސްތަކުން މުހައްމަދަކީ ޖިންނި މޮޔަވާ މީހެއް ކަމަށް ވާހަކަތައް ފަތުރަމުން ދިޔައީވެސް އެކަން ގަބޫލުކުރާ ބަޔަކު ނޫސްތަކަށް އެފަދަ މައުލޫމާތުތަކެއް ދިނުމުގެ ސަބަބުންނެވެ.

މުހައްމަދު ނިޔާވެފައި އޮއްވައި ފެނިފައި ވަނީ ވަޑާންގެއެއްގެ ތެރެއިންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް މުލަކު ސިއްހީމަރުކަޒުގައި އޭނާ ބަލަމުން ދިޔަ ޑޮކްޓަރާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގެ ވަޑާންގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު އަންގާރަ ދުވަހުގެ ފަތިހު 4:57 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާ އާ ގުޅިގެން ފުލުހުން އެ ގެއަށްގޮސް މުހައްމަދު މުކަލު ސިއްހީ މަރުޒަށް ގެންގޮސްފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މުހައްމަދު ފެނުނު އިރު އޭނާއަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ފެނުނުއިރުވެސް ވާތް ފަރާތުގެ މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަކަށް 9 އިންޗިއެއްހާތަން ކަފައިގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޝައްކު ކުރެވޭ މީހަކުވެސް ހުރިކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޯނިބެ

    ޖިންނިއެއް މީހަކުމަރަން ކީހެއްދަށަށް ގެންދާކަށް ނުޖެހޭނެ.. އެއީ ކީހަކީ ޖިންނި އޮޕަރޭޓް ކުރާ އެއްޗެއްނޫން

    23
    3
  2. ޙުސައިންއަލީބެ

    ފަތިސްދަންމަތީ އެގަޑީގައި ވަޑާންގޭގައި ކީތްތޯކުރަނީ؟ އޭނަަގެ ވަޑާންގެތޯ ނޫނީ އޭނާ މަސައްކަތްކުރާތަންތޯއެއީ؟ އެއްވެސްގުޅުމެއް އޮންނަވަޑާންގެއެއްތޯ އެއީ؟ ނޫނީ ވަގެއްކަމަށްހީކޮށް ވަޑާންގެ ވެރިމީހާގެ ހަމަލާއެއް އެރީބާ؟ ނޫހުން މިސުވާލުތަކުގެ ޖަވާބެއްލިބޭތޯ ބަލާބަލަ ސާފުވާނެއޭރަށް ކޮންމެވެސްވަރަކަށް ވީގޮތެއް.

    36
    2