ބ. އަނގަފަރު ކައިރީގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ ނަސްރުﷲ އަބްދުﷲ އަދި ކ.ކަގި ކައިރި ފަރަށް އަރާފައިވާ "ޓީޓީއެސް ފާން" ކިޔާ ދޯނީގެ ކައްޕި، މުހައްމަދު ޔޫސުފްގެ ޚަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ނަސްރުﷲ ގެއްލިފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. މިހާދިސާ ހިނގިތާ މިއަދަށް 14 ދުވަސް ވެފައިވާއިރު އަދިވެސް ހުއްޓުމެއް ނެތި އޭނާގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހީމް އާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

ނަސްރުﷲ ދަތުރުކުރި ޑިންގީ ބ. ދޮންފަނުގެ ހުޅަނގުން 0.5 ނޯޓިކަލް މޭލު ބޭރުން 46 މީޓަރު އަޑިން ނެގުމަށްފަހު އެއަތޮޅު ދަރަވަންދޫއަށް ގެންގޮސްފއިވާއިރު ޑިންގީގެ ފަހަތުން ބިންދައިގެން ގޮސްފައިވާ ފޮޓޯތައް ހިއްސާކޮށް އެމްއެންޑީއެފުން ވިދާޅުވިތާ ގޮތުގައި ބޮޑަށް ބެލެވެނީ ލޯންޗު ޖެހުނީ ޑިންގީގެ ކަނާތް ފަރާތު އަރިމަތީގައި ކަމަށެވެ.

ކައްޕި ގެއްލުނުތާ މިހާރު 12 ދުވަސް ވެފައިވާއިރު ކައްޕި ހޯދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ކެޕްޓަން އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ޔޫސުފް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޯސްޓްގާޑުގެ ޑައިވަރުން ފީނަނިކޮށް ކަނޑުގެ 48 މީޓަރު އަޑިން ތުވާއްޔެއް ފެނިފައިވެއެވެ. އަދި ޑަސްޓްބިން ކޮތަޅެއްގައި ބަންދުކޮށްފައި އޮތް ވަޅިއަކާއި ކަރަންޓު ސާމާނުތަކެއް ކަނޑުގެ 41 މީޓަރު އަޑިން ވަނީ ފެނިފަ އެވެ.

ކައްޕި ގެއްލުނު ގޮތާއި ގުޅިގެން ގިނަ ޝައްކުތަކެއް އާއިލާގައި ހުރިއިރު ދޯނި ފަރަށް އަރާފައި އޮއްވާ އާންމުވެފައިވާ ފޮޓޯތަކުގައި ދޯނީގައި ކައްޕި ހުއްޓާ ފެނިފައިވެއެވެ. އެހާދިސާ ހިނގިއިރު ދޯނީގައި ތިބީ ތިން މީހުން ކަމަށް ހަބަރު ފެތުރުނު ނަމަވެސް، އާއިލާއިން ބުނެފައިވަނީ ޔޫސުފްގެ އިތުރުން ދިވެއްސަކާއި، ދެ ބިދޭސީން ދޯނީގައި މަސައްކަތް ކުރާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްްގީގުކުރަމުންނެވެ. ނަމަވެސް މައްސަލަ އާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.