މުފްތީ މެންކް މާދަމާ އިސްލާމީ މަރުކަޒުގައި ދެއްވާ ހުތުބާ ވަގުތުން ލައިވް ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާދަމާ މެންކް ހުތުބާ ދެއްވާ ވަގުތު، ވަގުތުން ހުތުބާ ތަރުޖަމާ ނުކުރާނެ ކަމަށާއި، އެހެން ނަމަވެސް މުފްތީ މެންކްގެ ހުތުބާގެ ދިވެހި ހުލާސާއެއް އިސްލާމީ މަރުކަޒުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ހުލާސާ ހުކުރަށްފަހު ދޫކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާގެ ހުކުރު ހުތުބާގައި އެމަނިކުފާނު ބޮޑަށް އަލިއަޅުވާލައްވާނީ "ހަލާލު ގޮތުގައި ފައިސާ އާއި މުދާ ހޯދުމާއި، އަދި ހަލާލު މަގުގައި ހަރަދު ކުރުމާ" ބެހޭ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. މި މައުޟޫއަކީ މުސްލިމުން ދެނެގަންނަން މުހިންމު މައުޟޫއެއް ކަމަށް މިނިސްޓަރ އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

މުފްތީ މެންކް މިނިސްޓަރ ޒާހިރުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލެއާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވަނީ ދަރުސް ދެއްވުމަށް ހަމަޖެހިފައެވެ. އެގޮތުން މިހާތަނަށް މާލެ އަދި އައްޑޫގައި ވަނީ ދަރުސްދެއްވާފައެވެ. ކުޅުދުއްފުށީގައި ދިނުމަށް ހަމަޖެހިފައިވާ ދަރުސް މިއަދުއެވެ.

އެއަށް ފަހު މާދަމާ ހުތުބާގެ އިތުރުން "ޔޫތް ޑިސްކަޝަން ފޯރަމް"ގެ ނަމުގައި ފޯރަމެއް ކުރިއަށް ގެންދާނެއެވެ. މި ފޯރަމްގައި ބައިވެރިވުމަށް ހުޅުވާލައިފައި ވަނީ ގްރޭޑް 9،10،11 އަދި 12ގައި ތައުލީމް ހާސލް ކުރަމުން އަންނަ ދަރިވަރުންނަށާއި ކޮލެޖް / ޔުނިވަރސިޓީ އަދި އެންޖީއޯ ތަކަށެވެ. އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށާއި، ފޯރަމުގައި ބައިވެރިވާން ބޭނުން ކަމުގައިވާނަމަ އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުއްވައި ނަންނޯޓު ކުރެއްވުމަށް އެދޭ ކަމަށެވެ.

މުފްތީ މެންކްގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިލްމުވެރިންގެ ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އިސްލާމިކް ސެންޓަރުގެ ހޯލުގައެވެ.