ރަޝިއާގެ ވެރިރަށް މޮސްކޯގައި އޮންނަ "ފޫޓްބޯލް ފޯ ފްރެންޑްޝިޕް" ޕްރޮގްރާމުގައި ރާއްޖެ ތަމްސީލު ކުރާނެ ދެކުދިން ހޮވައިފިއެވެ.

އެކި އެކި ސަގާފަތާއި ގައުމުތަކުގެ ކުދިންގެ މެދުގައި ދުނިޔެއަކީ އަމާން އަދި އެކުވެރި މުޖުތަމައުއެއްކަން ދައްކާލުމަށާއި އެކުދިން ބޮޑުވެ ދުނިޔެއަށް ހޭލާއިރު އެކުވެރިކަން އިސްކުރުމަށް ބާރު އެޅުމުގެ ބޭނުމުގައި ފީފާގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ގެޒްޕްރޮމް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރާއްޖެ ތަމްސީލު ކުރުމަށް ހޮވާފައި ވަނީ އުމުރުން 12 އަހަރުގެ ދެކުދިން ކަމަށްވާ އުވެސް މުހައްމަދު އާއި އަހްމަދު ޒަހާން ނަޒީރުއެވެ.

8 ޖޫން އިން 15 ޖޫންގެ ނިޔަލަށް މޮސްކޯގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އުވެއިސް ބައިވެރިވާނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ޒަހާން ބައިވެރިވާނީ ނޫސްވެރިއެއްގެ ގޮތުގައެވެ.

މި ޕްރޮގްރާމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގެ ކުދިން ހިމަނައިގެން ބާއްވާ 32 ޓީމުގެ މައްޗަށް އެކުލެވޭ މުބާރާތުގައި އުވެއިސް ބައިވެރިވާނެއެވެ. އޭނާ ކުޅޭނީ ޑިފެންޑަރެއްގެ ގޮތުގައެވެ. އަދި "އިންޓަނޭޝަނަލް ޗިލްޑްރެންސް ޕްރެސް ސެންޓާ"ގެ ދަށުން ޒަހާން "ފޫޓްބޯލް ފޯ ފްރެންޑްޝިޕް" ޕްރޮގްރާމުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިއެއްގެ ހައިސިއްޔަތުން ރިޕޯޓު ކުރަމުންދާނެއެވެ.

މި ޕްރޮގްރާމް ނިންމާލާނީ މި އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި "ފޫޓްބޯލް ފޯ ފްރެންޑްޝިޕް" ގައި ބައިވެރިވާ ހުރިހާ ކުދިން ބައިވެރިވާނެވެ. މި ޕްރަގްރާމްގައި ކުޅުންތެރިންގެ އިތުރުން އެކިގައުމުތަކުން ޅަ 5000 ޖާނަލިސްޓުންގެ ގޮތުގައިވެސް ކުދިން ހަރަކާތްތެރިވާނެއެވެ.

މި އަހަރު "ފޫޓްބޯލް ފޯ ފްރެންޑްޝިޕް" ޕްރޮގްރާމުގައި 210 ގައުމަކުން ބައިވެރިވެއެވެ. މިއީ މި ޕްރޮގްރާމުގައި ރާއްޖެ ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ދިޔަ އަހަރު މި ޕްރަގްރާމްގައި 64 ގައުމަކުން ބައިވެރިވެފައިވެއެވެ.