ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދިނުމަށް ނިންމާފައިވާ ކަމަށް، މަޖިލިސް މެންބަރުންނާއި އެހެނިހެން ބައެއް ފަރާތްތަކުން ހާމަކުރަމުން ގެންދިއުމާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފިއެވެ.

އޭނާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސީޕްލޭން ޓާމިނަލް ބޭރުގެ ކުންފުންޏަކަށް ދިނުކަމީ ދިވެހި ދައުލަތަށް އެކަމުން އިންތިހާ އަށް ގެއްލުންވާނެ ކަމެއް ކަަމަށާއި، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ސީޕްލޭން ޓާމިނަލް ހިންގުން އެއްވެސް ބަޔަކަށް ސަރުކާރުން ދިނުމަކީ ދިވެހި ދައުލަތަށް އިންތިހާޔަށް ގެއްލުންވާނެ ކަމެއް. ތިޔައީ ކުރަން ހެޔޮވާވަރު ކަމެއް ނޫން" އަލީ ހުސައިން ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ ސީޕްލޭން ޓާމިނަލް އެއްވެސް ފަރާތަކަށް ދިނުމާއި ދެކޮޅަށް އަޑު އުފުލަމުން އަންނަ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲގެ ވާހަކަތަކަށްވެސް ތާއިދު ކުރައްވާފައެވެ.

މީގެ ކުރިންވެސް ވަނީ ސީޕްލޭން ޓާމިނަލް މިހާރުވެސް އޮޕަރޭޓްކުރަމުން އަންނަ އެއް ކުންނި ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ހިންގުން ހަވާލުކުރުމަށް އުޅޭ ކަމަށް އަޑުފެތުރިފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ އެމައްސަލަ ބަލައި އޮޑިޓެއް ތައްޔާރުކޮށްފައެވެ. އެ އޮޑިޓުގައިވާ ގޮތުން އެމްއޭސީއެލް އިން ޓާމިނަލްގެ ހިންގުމާއި ހަވާލުވެއްޖެ ނަމަ އެކުންފުންޏަށް ވާނެ ފައިދާ އިތުރުވާނެއެވެ.

މީގެ ކުރިން އެމްއޭސީއެލް އިން ވަނީ ސީޕްލޭން ޓާމިނަލް ހިންގުމަށް އެކުންފުންޏާ ހަވާލުކުރަން އެޅޭކަން ހާމަކޮށްފައެވެ. އެމްއޭސީއެލް އިން ވިދާޅުވެފައި ވަނީ ސީޕްލޭން ޓާމިނަލް ހިންގުމާއި އެކުންފުނިން ހަވާލުވި ކަމުގައި ވީނަމަވެސް އެކަން ކުރަމުންދާނީ މީހާރު ސީޕްލެއިން އޮޕަރޭޓްކުރާ ކުންފުނިތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ފަދައިން ކަމަށެވެ. ޓީއެމްއޭ އިން އަދި އެހެން ތަންތަނުގެ ސީޕްލެއިން ޓާމިނަލް ތައްވެސް އަތުލުމުގެ ވިސްނުން ނެތް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިހާރު އެންމެ ގިނަ އަދަދެއްގެ ސީޕްލެއިން އޮޕަރޭޓް ކުރަމުން އަންނަނީ ޓީއެމްއޭ އިންނެވެ. ޓީއެމްއޭގެ އިތުރުން މޯލްޑިވިއަން އާއި މަންޓާ އެއާ އިންވެސް ސީޕްލެއިން އޮޕަރޭޓް ކުރަމުން އަންނަ އިރު، ފްލައިމީ އިންވެސް އެމަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އާއި ހަވާލުކުރަން އުޅޭ ކަމަށް ބުނާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސައިން އިބްރާހީމް

  ޝީޕްލައިން ކުއްޔަށް ދިނުމަކީ އެއްގޮތަކަށްވެސް ކުރަންޖެހޭކަމެއްނޫނެވެ. އަމިއްލައަށް އޮޕްރޭޓް
  ކުރުމުން ގައުމްށްފައިދާބޮޑުވާނެކަމެކެވެ.

 2. ދަވްތޫރް އަބުދުލް އަޒީޒް

  ގައުމޭވިދާޅުވާއިރު ގައުމުދެކެ ޙުދުތިމާމީހާގެ އަމިއްލަ ނަފްސްދެކެ ލޯބިވާމީހަކު މިގައުމުގައުޅޭބާ އޭނަކާލި މީނަކާލި ގޮވަމުން ޖީބައްރުފިޔާއެއް ލވޭތޯއެއުޅެނީ މިގައުމުގައޮއް އެޔޮއްބޮޑު ސިޕިންގްލައިން ދުއްވާލީ ތިޔަކިޔާ ޓީއެމްއާ އެއްނޯތީސް މިގައުމުދެކެލޯބިވާ ބަޔަކުތިބިނަމަ ކަޓެއްލިބޭގޮތައް ހުރިހާތަނެއްބޭރުމީހުންނައް ހިބައިން ކަހަލަގޮތަކައް ދީ ހުސްކުރަނީ ފައިދާއެއްނެވެޔޭ ކިޔާފައި ސަރުކާރައް ފައިދާ ނުވާއިރު ތިޔަބުނާ ޓީއެމްއޭއައް ފައިދާވާނީ ކިހިނެއް އިހައްދުވަހު އޮތެއްނު ތިޔަތަނައްވާފައިދާ ގައުމުހިންގުމުގެ ގާބިލްކަން ނެތިއްޔާ އިސްތިއުފާ ދެއްވާ ހިންގޭވަރު ބަޔަކު މިގައުމުގައި ތިބޭނެ

 3. މުގައްދަރު

  ތިޔަފެންނަނީ ރިޔާސީ ކެންޕޭނައް ޓީއެމްއޭއިން ކުރި ޙަރަދުގެ ބަދަލްގައި ސީޕުލޭން ޓާމިނަލް މީރޯމާދުވާލު ކުރާވައްކަން އެމްއެމްޕީއާރސީއޭ ބާރައްގޮވާ ގުދޯގުދޯ ބާރައްލަވަޖަހާ މިނިވަންކަން މަތީތިބެފައި އަޅުވެތިކަމަކައް ނުދާނަމޭ އެނިމުނީ ވެދުން