ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ބައެއް ރަށްތަކާއި ފަޅުތަށް ދޫކުރުމަށް ވި އެއްބަސްވުން ބާތިލްކޮށް، އެ ރަށްތަކާއި ފަޅުތައް ސަރުކާރުން އަތުލި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

ރަށްތަކާއި ފަޅުތަކެއް ދޫކުރުމަށް ވި އެއްބަސްވުން 2015 ގައި ބާތިލްކޮށް، އެ ތަންތަން އަތުލީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓް ބާތިލް ކުރުމަށް ފަހު އެވެ.

އެ އެގްރީމެންޓް ބާތިލު ކޮށްފައި ވަނީ، ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން 129 މިލިއަން ޑޮލަރު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން، ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓާ ވިލާ އިން ޚިލާފްވުން ކަމަށް ދައުލަތުން ބުނެ އެވެ.

އެ މައްސަލަ ވިލާއިން ސިވިލް ކޯޓަށް ހުށަހެޅި އިރު އެ ތަންތަން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް ހައި ކޯޓުން ވަނީ މިދިޔަ އަހަރު އެ ހުކުމް ބާތިލު ކޮށްފައެވެ. އެހެން ކަމުން ވިލާއިން ވަނީ ހައިކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެހެން ކަމުން ބެލެވިފައި ވަނީ މާދަމާގެ އަޑުއެހުމަކީ މި މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހެމެއް ކަމަށެވެ.

ވިލާގެ ވަކީލުން ބުނާގޮތުން ޑަބްލިއުއެލްޓީ އަކީ ސެޓްލްމަންޓް އެއްބަސްވުމުގެ ބައިވެރިއެއް ނޫނެވެ. އަދި ޑަބްލިއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމަކީ ރަށްތަކާއި ފަޅުތަކުގެ އެއްބަސްވުން ބާތިލް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި ޑަބްލިއުއެލްޓީން ކުރާ ދައުވާ އަކީ ސެޓްލްމަންޓް އެއްބަސްވުން ހެދިއިރު ވެސް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއް ކަން ވިލާއިން މީގެ ކުރިން ވަނީ ފާހަގަ ކޮށްފައެވެ.

ވިލާގެ އަތުން އަތުލި އެ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޯދަން ވިލާގެ އެކި ކުންފުނިތަކާ ދެކޮޅަށް ދައުލަތުން ދައުވާ ކޮށްފައިވާއިރު އެ މައްސަލަ މިިހާރުވެސް އޮތީ ސިވިލް ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު