އެމްޑީޕީގެ ވާހަކަ މިހާރު ވެސް މާގިނަވެއްޖެ، މިހާރު މިއީ ވާހަކަ ގިނަނުކޮށް އަމަލުން ތަރައްޤީ ދައްކަވަން ޖެހޭ ވަގުތު ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމް އިން ކައުންސިލް އިންތިޚާބުގައި ވާދަކުރާތީ ރައީސް ޞާލިހް އާއި ކުރީގެ ރައީސް ނަޝީދު ރޭ ފާޑުވިދާޅުވެފައި ވުމުން އެކަމަށް ރައްދުދެއްވާ ޝިޔާމް ރޭ ވިދާޅުވީ ޕީޕީއެމް އިން ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވަން ކަމަށެވެ.

"މި ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ކޮށްދެވުނު އެއްވެސް ކަމެއް ނެތް. ކޮށްދެވުނު ކަމެއް އޮތްނަމަ އެބޭފުޅުން ވިދާޅުވެ ދެއްވާ ކޮށްދެވުނު ކަމެއް." ޝިޔާމް ވިދާޅުވިއެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވަމުން ޝިޔާމް ރޭ ވެސް ވިދާޅުވީ ޔާމީން ޖަލަށް ލާފައި ވަނީ ސަރުކާރުން ޝަރީޢަތައް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"ފާއިތުވެގެން މިދިޔައީ ދިވެހި ރައްޔިތުންނަށް ހިތާމަވެރި 49 ދުވަސް. މި 49 ދުވަސް އިތުރަށް ހިތާމަވެރި ވަނީ ސަރުކާރުގެ ނާގާބިލްކަން ފެންނަމުން ދާތީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޔާމީން ދިވެހި ރައްޔިތުންގެ ޙައްޤުގައި ކޮށްދެއްވާފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކައިދައްކައި ހުސްނުވާނެ ކަމަށެވެ. ޔާމީންގެ މައްޗަށް ތަހްޤީޤު ހިންގީ ވަކި މައްސަލައެއްގައި ކަމަށާއި ދައުވާ ކުރީ އެހެން ވަކި މައްސަލައެއްގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައީސް ޔާމީން ވަނީ ޝަރީޢަތުގެ މަޖިލީހުގައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ވަނީ ސާބިތުކޮށްދެއްވާފައި. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވިގެން ދިޔައީ ވަކި ފަރާތަކުން ލިޔެފައި އޮތް ޙުކުމެއް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެ މައްސަލަ ބައްލަވަމުން ގެންދެވިއިރު ސަރުކާރުގެ ނުފޫޒު މައްސަލައަށް އޮތް މިންވަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

"ރައީސް ޔާމީނާއި ދޭތެރޭ އިންސާފަކުން ނޫން ކަންތައްތައް ކުރެވިފައި ހުރީކީ. އިންސާފުގެ ބޭރުން ކަންތައްތައް ކުރެވެމުން ދަނީ." ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ މިހާރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު ހައި ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް އިތުބާރު އެބައޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިޔާ

    ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަދި ޔާމީން ސަލާމަތުން ނުކުމެ މި ސަރުކާރު ސައިޒުކުރާތަން ފެނިގެންދާނެ! ޗިސް ޗިސް ކޮށްލިޔަސް އަދި ފިސް ފިސް ކޮށްލިޔަސް ލާދީނީ ބައިގަނޑާ ދެކޮޅު!

    13
    1
  2. އަލްޖިބްރާ

    ކަލޭމެން ކުރިކަމަކީ އަގައިން ނުބުނެ ތިބެ މުޅި ޤައުމު ދަވާލީ ! ވަރަށް ތާހިރެއްނު !

    2
    5
  3. ދާރު

    ޥެރިކަމަށް އައީ ޖާދޫ ހަދައިގެން.އަދިވެސް އެޖާދޫގައި ޖެހިފައި ތިބި މީހުންތިބީ އެއިންނުނެއްޓެވިފަ.އިތުރު ޖާދުލުގައި ޖައްސަން އަވަދިނެތި އެއުޅެނީ. ޔާމީން ގެންނެވި ތަރައްގީ ގެނެވޭނީ ހަމަ ޔާމީނަށް. ލާމަސީލު ވެރިޔެއް. ކޯފާބައެއްފަހަރު އިސްކުރެއްވުން ހަމައެކަނި މައްސަލަ އަކީ!