ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކޮށްފައިވާ 5 އަހަރު ދުވަހުގެ ޖަލު ޙުކުމުން، އެމަނިކުފާނު ސަލާމަތް ކުުރުމުގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް އައިސްފައިނުވާ ކަމަށާއި، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ، ސީއެންއެމްއިން ރޭ ގެނެސްދިން، "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޕީޕީއެމް ޕީއެންސީން ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ގެންދަނީ، ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން. އެ މަސައްކަތް ކުރާ ގޮތް އެއީ، ބައެއް ބޭފުޅުންނަށް ވެދާނެ އެންމެ ކަމުނުދާ ގޮތަށްވެސް،. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން ކަންދައްކަން ވެގެން އެއްވެސް މަސައްކަތެއް ކުރާކަށް. ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތްވެސް ކުރިއަށް މި ދަނީ ރައީސް ޔާމީންގެ މަޝްވަރާގެ މަތިން." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، މަގުތަކަށް ނިކުމެ މުޒާހަރާ ކުރުމުގެ ކަންކަން މަޑުޖެހިފައިވަނީ، ސުކޫލު ޗުއްޓީ އައުމުގެ ސަބަބުން، މާލެއަށް ބޮޑު ހުސްކަމެއް އައުމުން ކަމަށާއި، ނަމަވެސް ޖަގަހަ ޖަލްސާތަކެއްގެ ގޮތުގައި މިހާރުވެސް އެ މުޒާހަރާ ކުރިއަށްދާ ކަމަށެވެ.

"ފުރަތަމަ ކޮޅު އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ އުޅުނިން، ނަމަވެސް ކަން ދިމާވިގޮތުން ސުކޫލު ޗުއްޓީއާއި އެކީގަ މާލެއަށް ވަރަށް ބޮޑު ހުސްކަމެއް އައުމާއި އެކީގަ އަޅުގަނޑުމެން މަޑުޖައްސާލީ. މަޑުޖައްސާލާފަ ކޮންމެ ރެއަކު ޖަގަހަ ޖަލްސާތަކެއްގެ ގޮތުގައި ރައީސް ޔާމީން މިނިވަން ކުރުމަށް އަޅުގަނޑުމެން ގޮވަމުން މި ދަނީ. އެއާއި އެކު އެކީގައި އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން، ސަރުކާރުގެ މުއައްސަސާތަކަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތްވެސް. ހަމަ އެއާއި އެކީގައި ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް މި މަޢުލޫމާތު ތައް މިހާރު ޙިއްސާކުރަމުން މި ދަނީ." އަދުރޭ ވިދާޅުވިއެވެ.

ހަމައެހެންމެ، އަދުރޭ ވިދާޅުވީ، ކަފާލާތުގެ ހައްޤަކީ ރައީސް ޔާމީނަށްވެސް ލިބެންޖެހޭ ހައްޤެއް ކަމަށާއި، އެހެން އެކަމަށް އެދި ކޯޓަށްވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލެއް ނުކުރަން ރައީސް ޔާމީންގެ މައްސަލަ ހިނގައިގެން ދިޔައީކީ އިންސާފުން ކަމަކަށް. އެހެންވީމަ ރައީސް ޔާމީނަށް ނާ އިންސާފުން ލިބެމުންދާ އަނިޔާގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކާއި ޙިއްސާކޮށްފަ ވާނީ. އަދި އޭގެ އިތުރުން، ރާއްޖޭގެ ހިއުމަންރައިޓްސް އަދި ޕީޖީއަށްވެސް މިހާރު ވަނީ ސިޓީއެއް ފޮނުވާފަ. އޭގެ އިތުރުން، ކޯޓަށްވެސް މިހާރު އެވަނީ އިސްތިއުނާފަށް ހުށަހެޅިފަ. އަދި ކަފާލާތަށްވެސް ވާނީ އެދިފަ. އެހެންވީމަ، އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް މި ދަނީ ކުރަމުން." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެ މައްސަލަ ބެއްލެވި، ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެމަނިކުފާނަށް ކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށާއި ފަސް މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން އެމަނިކުފާނު ޖޫރިމަނާ ކުރުމުގެ ހުކުމެވެ.