ރާއްޖޭގައި ޖާނުން ފިދާވުމުގެ ޙަމަލާ އެއް ދޭން އުޅުނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) އާއި ގުޅިގެންކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި ޖާނުން ފިދާވުމުގެ ޙަމަލާ ދޭން އުޅުނު މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައިގައި ދާއުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު އަލުވިމާގޭ ހުސައިން އަފީފާއި، ރ. މަޑުއްވަރީ ވިލުދޮޅު އިސްހާގު ޢަލީ އަށެވެ.

މި މައްސަލަ އާއި ގުޅިގެން، އަފީފްގެ މައްޗަށް ޓެރަރިޒަމް ޤަނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދަޢުވާ ކޮށްފައިވާއިރު، އިސްހާގުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދަޢުވާ އެވެ. އެ ދަޢުވާތަކާއި ގުޅިގެން، ދަޢުލުތުން ވަނީ މި މީހުންނާއި ދެކޮޅަށް ގިނަ ހެކިތަކެއްކެއް ހުށަހަޅާފައެވެ.

މި މައްސަލައިގައި މިއަދު ހަވީރު 4:10 ގައި ފެށި އިބުތިދާއީ އަޑުއެހުން އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ރާއްޖޭގައި އައިއެސްއާއި ގުޅިގެން ޖާނުންފިދާވުމުގެ ނިރުބަވެރި ޙަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މި މީހުން މިދިޔަ އަހަރު ހައްޔަރުކުރިއިރު، ރާއްޖޭގެ ބައިނަލްއަޤުވާމީ މައި ވައިގެ ބަނދަރު، ވެލާނާ އެއާޕޯޓުގައި ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަވެސް ކޮށްފައެވެ. އެގޮތުން ސިފައިން އެ އެއާޕޯޓުގައި ހަތިޔާރާއި އެކުވެސް ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ.

ރާއްޖޭގައި ޖާނުން ފިދާވުމުގެ ޙަމަލާއެއްދޭން ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވިފައިވާއިރު، ސީރިޔާގައި އާއި މެދުއިރުމަތީގެ އެނޫންވެސް ބައެއް ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި، "ޖިހާދު"ގެ ނަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ދަނީ ބައިވެރިވަމުންނެވެ. މީގެ ތެރެއިން ބައެއް މީހުން އައިއެސް ޖަމާޢަތާއި އެކުވެސް ޙަރަކާތްތެރިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ދިވެހިން ބައިވެރި ވޭތަ؟ ހަނގުރާމައަށް ދޭތަ؟ އެކަމު ފުރަތަމަ ގޯސްވީ އެވާހަކަ ދެއްކިމީހާ.

  2. އަޙުމަދު

    ތިކަމުގައި ނަޝީދުގެ އަތެއްވާނެ. އޭނަ އެހުރީ ޓެރަރިޒަމްގެ ދައުވާގައި ހުކުމް ކޮށްފަ!

  3. ޙަމްދު

    ޢައިއެސް އަކީ ނަޝީދުއާއި ގުޅުން އޮންނަ ބަޔަކަށް ވެދާނެ. ތިކަމެއް ހިނގުމުގެ މާކުރިން ނަޝީދަށް އެނގިިއްޖެވިއްޔާ ރާއްޖޭގައި އައިއެސް އިން ޖާނުންފިދާވުމުގެ ހަމަލާއެއްދޭނެކަން. މިކަން އޭނާ މީޑިއާގައި ހާމަކުރިވެސްމެ.