އުމުރުން ދެއަހަރު ނުވާ އަންހެން ކުއްޖަކު ރޭޕް ކުރި އެކުއްޖާގެ ބައްޕަ ދިރިއުޅެމުން އަންނަ ހުޅުމާލޭ ފްލެޓް ކައިރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާއްމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ބައެއް ސައިކަލްތަކަށާއި ޕާކް ކޮށްފައި އޮތް ދެ ކާރަކަށް ވަނީ ގެއްލުން ލިބިފައެވެ. ދެ ކާރުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. މިއީ ބަޔަކު ގަސްދުގައި ދިން ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިއަދު ހަވީރުން ފެށިގެން ހުޅުމާލޭ 108 ނަމްބަރު ފްލެޓް ކައިރީގައި އާއްމުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އާއްމުން ގޮވަމުން ގެންދަނީ އެ ފްލެޓްގައި ހުރި ކުޑަކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށެވެ. އާއްމުން ވަނީ އެކުއްޖާގެ ބައްޕަ ފްލެޓުން ނެރެ އޭނާ އަށް އަނިޔާ ވެސް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ސަލާމަތްކޮށް ފަހުން އަނެއްކާ ވެސް ފްލެޓް ތެރެއަށް ވައްދާފައެވެ.

ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުގައި އޮތް ކާރަކަށް ގެއްލުން ލިބިފައި - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުގައި އޮތް ކާރަކަށް ގެއްލުން ލިބިފައި - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އަދި މިހާތަނަށް ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭނާ ހައްޔަރު ކުރަން ގޮވާލަމުންދާ މީހުން ހުއްޓުވަން ފުލުހުން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޕެޕަ ސްޕްރޭ ޖަހާފައެވެ. ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ރަޔަޓް ގިއަރުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ތުއްތު ކުއްޖާ ރޭޕް ކުރި މައްސަލައިގައި އެކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްގެން ގއ.ގެމަނަފުއްޓަށް ގެންދިއުމުން އެރަށުގައި ވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

ތުއްތު ކުއްޖާ ރޭޕް ކުރުމުން ހިނގަމުންދާ ކަންތައްތައް "ވަގުތު" ބްލޮގް އިން ފެނިވަޑައިގަންނަވާނެ.

މިއަދު ހިނގާ މުހިއްމު ކަންތައްތައް

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭޗާރާ

    ތިއީ ތިކިޔާ ހައްގު އޮންނަ ގޮތަކީ. ކަމާނުބެހޭ މީހުންގެ މުދަލަށް ގެއްލުން ދިން މީހުން އެ އަރައިގަތީ ބައެއްގެ ހައްގަށް. ހައްގޭ ކިޔާފައި ނުކުމެ އެތައް ބައެއްގެ ހައްގު ނަގައިލީ. ކުށްވެރިންނަށް ހައްގު އަދަބު ނުދެވޭނަމަ ދުވަހަކުވެސް ކުޑަކުދިންނާ ބެހުމެއް، މަސްތުވުމެއް ނުހުއްޓޭނެ. ކުށްވެރިވާއިރަށް އެމީހެއްގެ ހައްގު ބޮޑުވެގެން އާއިލާއިން އެމީހަކު ނިކަމެތިވެގެން ކައުންސިލަރަށް ވޯޓެއް މަދުވެގެން މެންބަރަށް ވޯޓެއް މަދުވެގެން ކުށްވެރިޔާ އޮންނާނީ ދޫވެފައި. ދުވަހެއް ދުވަހަކަށް މިދަނީ ކުށްވެރިން ގިނަވަމުން ބޯވަމުން.

    37
    3