ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލުމަށްޓަކައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެމްބަރަކަށް ވުމަށް ހުޅުވާލި ފުރުސަތު މިރޭ ހަމަވާނެ ކަމަށް އެ ޕާޓީ އިން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ބާއްވާ ޕްރައިމަރީ ތަކުގައި ވޯޓުލާން ބޭނުންވާ ފަރާތްތައް މެމްބަރަކަށްވުމުގެ ފުރުޞަތު މީގެ ކުރިން ހުޅުވާލާފައި ވާއިރު، އެ މުއްދަތު ހަމަ ވާނީ މިރޭ (17ޖެނުއަރީ 2020) 00:00 ގެ ނިޔަލަށް ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

މި މުއްދަތު މިރޭ 00:00ށް ހަމަވި ނަމަވެސް، ކައުންސިލް އިންތިޚާބާއި، އެ ޕާޓީގެ ކަންކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން ޕީޕީއެމްގެ ނަމްބަރު 7936268ށް, ހެނދުނު 09:00ން 12:00އަށް، 14:00ން 17:00އަށް އަދި ރޭގަނޑު 21:00ން 22:30 އާއި ދޭތެރޭ ގުޅުއްވުމަށް އެ ޕާޓީ އިން ވަނީ އެދިފައެވެ.

ޕީޕީއެމް އާއި ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީ އިންވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވަރުގަދަ އަށް ކެމްޕޭނު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.