ކ.ކަގި ފަރަށް މުދާ އުފުލާ ދޯންޏެއް އަރައި އެ ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ހާދިސާ ހިނގިއިރު އިތުރު ދިވެއްސަކު އެ ދޯނީގައި ހުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަހު ހަވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އޭރު އެނގުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފުލުހުން މައުލޫމާތު ދިން ގޮތުގައި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ފަރަށް އަރާފައިވާ ދޯނި ކައިރިން ދިޔަ އެހެން ބަޔަކު ނަގާފައިވާ ފޮޓޯތަކެއް އެ ދުވަސްވަރު އާންމުވި އިރު އެ ފޮޓޯތަކުގައި ދިވެއްސަކާއި ބިދޭސީ ދެ މީހުން ފެންނަން ވެސް ތިބެ އެވެ.

ކައްޕި ގެއްލުނު ހާދިސާ ހިނގި އިރު އެ ދޯނީގައި އިތުރު ދިވެއްސަކު ހުރި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ މިހާރު ހުރި ތަނެއްގެ މައުލޫމާތެއް ނުދެ އެވެ.

ކައްޕި ގެއްލުނު ސަަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި ލޭގެ އަސަރު ހުރި ތުވާއްޔެއްގެ އިތުރުން ފޯނެއް ވަނީ ހޯދައިފަ އެވެ. އެ މައްސަލާގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރި އިރު ކައްޕި ގެއްލުނު އިރު ބޯޓުގައި ތިބި ދެ ބިދޭސީން ހައްޔަރު ކުރި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ކައްޕި ހޯދުމުގެ މަސައްކަތް ދާދި ފަހަކާ ޖެހެންދެން ވެސް އެމްއެންޑީއެފް އިން އައީ ކުރަމުންނެވެ. އަދިވެސް އޭނާ ފެނިފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދްފުޅު

    ތިޔަދޯނި ފަރަށްއެރިއިރު ދޯނީގައި ތިބި ބޭރު ދެމީހުން . އެމީހުންގެ ފަރާތުން ހުރިހާކަމެއް އޮޅުން ފިލުވޭނެ. މިހާދުވަސްވާއިރުވެސް ކަންހިނގިގޮތް ފުލުުންނަށް ނުހޯދުނުކަމީ ފުލުހުންގެ ނާގާބިލްކަން. މުއައްސިސާ ފެއިލް ވެފާވާކަން އަންގައިދޭ އަލިގަދަ ހެއްކެއް.

    23
    1
  2. ހުސޭނުބޭ

    އަހަރެމެން މި އުޅެނީ މަރު ކޮމިޝަނު ބޮޑުމީހާ ގެއްލިގެން! އޭނާ ނުފެންނަންޏާ ތިކަން ތަހްޤީގުކުރާނީ ކިހިނެއްތަ؟

    56
    2
  3. ކޮސް

    މި ގައުމުގެ ތަހްގީގް އިދާރާ ތަކުގެ އިތުބާރު ހުރި މިންވަރާމެދު ހުރި ހިތާމަ އެއްގެ ބޮޑު ކަމާއެވެ. ޢިތުރު ގޮތެއް އެބަ ބޭނުން ވޭ.

    17