އުމުރުން 2 އަހަރުގެ ކުޑަކުއްޖާ ރޭޕް ކުރި މައްސަލާގައި ރޭޕާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ތ. މަޑިފުށީގައިވެސް މުޒާހަރާ ކުރަން ނިންމައިފިއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި ކަމަށެވެ. އަދި އެ ހިނގާލުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމުގެ ގޮޮތުން ބާއްވާ ހިނގާލުމެއް ކަމަށްވެސް ބުންޏެވެ.

ދެ އަހަރުގެ ކުޑަކުއްޖާ ރޭޕް ކުރި މައްސަލާގައި މިއަދު ރާއްޖޭގެ އެކި ރަށްރަށުގައި ރޭޕާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން މިއަދު ރަސްމާދޫއާއި ތިނަދޫގައިވެސް ހިނގާލުމެއް ބާއްވަން ހަމަޖެހިފައިވެއެވެ.

އެކުއްޖާ ރޭޕް ކުރި މައްސަލާގައި އިއްޔެ ވަނީ ހުޅުމާލޭގައި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އަދި ރޭޕްގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްގެން ހުވަދު އަތޮޅުގެ އެއްވެސް ރަށަކަށް އެރިޔަ ނުދިނުމުން ފުލުހުން ވަނީ އެ ދެމީހުން ރޭ ފަތިހު މާލެ ގެންގޮސްފައެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތު ކަމަށާއި ދެ މީހުންނަށް ކުރަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށެވެ.