ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ގަވާއިދުން ދެމުން ނުދާ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީއާ ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ މަހު 19ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން މިހާރުވެސް ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގިތުން "ވަގުތު"ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވާ ދާއޫދު ވިދާޅުވީ ކުޑަކުދިންނަށް ގަވާއިދުން ދޭންޖެހޭ ވެކްސިން ދެމުން ނުދާ ކަމުގެ ޝަކުވާތައް ފުލުހުންނަށްވެސް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި ދާދިފަހުން ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެފަދަ މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުންނާއި ކުޑަކުދިންނަށް ގަވާއިދުން ވެކްސިން ނުދޭ ފަރާތްތަކުގެ މައްސަލަތައް ފުލުހުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު މިފަދައިން ވިދާޅުވެފައިވާއިރު މި ދުވަސްވަރަކީ ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބަހި ރާއްޖެއިން ވަނީ އަނެއްކާވެސް ފެނިފައެވެ. އަދި ހަމައެއާއެކުގައި އެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ހެލްތު މިނިސްޓްރީންވެސް އަންނަނީ ބަލަމުންނެވެ. އަދި އެ މިނިސްޓްރީން އަންނަނީ ވެކްސިން ޑޯޒު ހަމަނުކުރާ ކުދިންނަށް ވެކްސިން ޑޯޒު ހަމަ ކުރުމުގެ ގޮތުން ވެކްސިން ދިނުމަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެކް

    ވެކްސިން ޖަހައިގެން ލިބޭ ފައިދާ އަށް ވުރެ ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑު ކަމަށް ދިރާސާ ކުރާ ޑޮކްޓަރު ކާރުން ބުނަމުންދަނީ. އެކަމުގައި ވެސް ބައެއް ޑޮކްޓަރުން ގެ ހިޔާލު ވެސް ތަފާތު.

  2. އަންމަޑޭ

    ވެކްސިން އުފައްދަނީ ކޯއްޗަކުންތޯ ނުބަލާ ޖެހެންހުރިއްޔާ ހުރިހާ ވެކްސިން އެއް ދޭންވާނީ ވަރަށް ރަގަޅަށް ވިސްނާފައި ކަމަށް އަޅުގަނޑު ދެކޭނީ ބައެއްފަހަރު ވެކްސިން ގެ ސަބަބުން ކުއްޖާގެ އަށް ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު