ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

ވަގުތު އަށް އެނގިފައިވާ ގޮތުން 14 އަހަރާއި 15 އަހަރުގެ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ދަނީ އެކުދިންގެ ދޮން ބައްޕައެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދޮންބައްޕަގެ ފަރާތުން އެކުދިންނަށް އެންމެ ފުރަތަމަ ޖިންސީ އަނިޔާ ލިބެން ފެށީ މީގެ 4 އަހަރު ކުރިން ކަމަށާއި އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިފިނަމަ އެ ކުއްޖާގެ މަންމަ ދަން ޖެހިގެން މަރުވާނެ ކަމަށްވެސް ބުނެފައި ވާކަމަށެެވެ.

އެ ކުދިންގެ މަންމަ އަކީ ނުކުޅެދޭ މީހެއް ކަމުގައި ވާއިރު، އެ ގޭ ކައިރީ އުޅޭ އަވަށްޓެރިންނަށް މިކަން އެނގިގެން މި މައްސަލަ ވަނީ މީގެ 4 އަހަރު ކުރިން ފުލުހުންނަށްވެސް ހުށަހަޅާފައެވެ. އަދި ދާދި ފަހުންވެސް މި މައްސަލަ އަލުން ހުށަހަޅާފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އަވަށްޓެރިންނަށް މިކަން އެނގުނީ އެ ދެ އަންހެން ކުދިން ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭކަން ފާހަގަ ކުރެވިގެން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

މި މައްސަލަ ޖެންޑާ އަށް ހުށަހެޅުމުން އެ ކުދިން ބެލުމުގެ މަސްއޫލިއްޔަތު އެހެން ރަށެއްގައި ދިރިއުޅެމުން އައި ކުދިންގެ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރި ކަމަށާއި ނަމަވެސް މިހާރު އަނެއްކާވެސް ދޮންބައްޕަ މަންމަ އާއި އެކު އެރަށަށް ދިރިއުޅުން ބަދަލުކޮށް އެ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރަމުން އަންނަ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

ނަމަވެސް، ދާދި ފަހުން އެތަނުން އެއް ކުއްޖަކު ވަނީ ބަނޑުބޮޑުވެފައެވެ. މިކަން ޖެންޑާ އިންވެސް ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ދެކުނުގެ ރަށެއްގައި ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް މީގެ އެއް މަސް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު މައުލޫމާތު ހޯދަން އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބަނޑުބޮޑުވި ކުއްޖާއަށް ދޮން ބައްޕަ ފިޔަވައި އިތުރު މީހެއްގެ ޖިންސީ ގޯނާ ލިބުނު ކަމެއް އަދި އެނގިފައި ނުވާއިރު، ކިޔެވުމަށް މޮޅު އެ ކުއްޖާ މިހާރު ވަނީ ސްކޫލަށް ދިއުންވެސް ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔަ

    ކޮން ރަށެއްކަން އެނގުނަސް އެ ކުދިން ސިއްރު ނުކުރެވޭނެބާ

    3
    2
  2. ފޭލި

    އެކުދިން އެހެން ރަށަކަށް ދިޔާމަވެސް މި ޝައިތާނު މި ކަން ނުހުއްޓިއޭ ، އެކުދިން ރައް ބަދަލު ކުރުންތަ ހައްލަކީ ކީއްވެ ދައުވާ ނުކުރެވެން ވީ ، ޖެންޑާއިން މި ކަމުގައި އިހުމާލު ވެފައި މި އޮތީ ، އަހަރެމެން ޓެކްސް ފައިސާ ކަލެމެނަށް ހަލާލެއް ނުވާނެ ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ތަކެއް ބަރަހަނާ ކޮއް އަނިޔާ ކުރި މީހުންނައްވެސް އެޅުނު ފިޔަވަޅެއް ނެތް ، ދިވެހި ދައުލަތް ފޭލި ވެއްޖެ.

    14