އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހުކުރު ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން މެދުއުމުރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައިގެ ތަޙްޤީޤު ފުލުހުން ފަށައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނީ އަނިޔާވި އަންހެން މީހާގެ އާއިލާ އާއި އިއްޔެ އޭނާ ވާހަކަ ދެއްކެވި ކަމަށާއި ފުލުހުންގެ ޕްރޮފެޝަލް ސްޓޭންޑާޑްސްގެ ޓީމެއް އިއްޔެ އަންހެން މީހާގެ ކައިރިއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަޙްޤީޤެއް މިހާރު ފަށާފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.

އަންހެން މީހާއަށް ފުލުހުން އަނިޔާ ކުރުމުން އޭނާގެ ނޭފަތް ފަޅައިގެން ގޮސް ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ އަންހެން މީހާގެ ދަރިފުޅު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަ ހުރީ ހުޅުމާލޭގައި ހިނގާދިޔަ ކަންކަމުގެ މަންޒަރު ބަލާލުމަށް ގޭގެ ދޮރުމަތީގައި ކަމަށެވެ. ގޭގެ ދޮރުމަތީގައި ހުއްޓާ ފުލުހުންގެ މީހަކު "ހުރިހާ އެންމެން ގެއަށް ވަދޭ" މިހެން ބުނަމުން އައި ކަމަށާއި އެވަގުތު އޭނާގެ މަންމަ ދޮރުމަތީގައި ހުރުމުން އޭނާގެ މަންމަގެ ގައިގާ ފުލުސް މީހާ ޖެހި ކަމަށް އަންހެން މީހާގެ ދަރިފުޅު ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައިވެއެވެ.

އޭނާ ބުނީ އޭނާގެ މަންމައަކީ ކުށްވެރިއެއް ނޫން ކަމަށާއި އަދި މީހުން ރޭޕް ކުރާ މީހެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް އެފަދަ ނުބައި ނުލަފާ އަމަލުކޮށްފައިވާ މީހަކު ފުލުހުން ހައްޔަރު ކޮށްގެން ދިޔައީ ފުލުހުންގެ ވެސްޓު އެޅުވުމަށްފަހު އަދި ހެލްމެޓެއްވެސް ބޮލުގައި އަޅުވައިގެން ކަމަށެވެ. ނަމަވެސް އާއްމު ރައްޔިތު މީހާއާ މެދު ފުލުހުން ކަންކުރީ އެހެން ނޫން ކަމަށް ބުނެ ފުލުހުންގެ އެ އަމަލު އޭނާ ވަނީ ކުށްވެރިކޮށް ފާޑު ކިޔާފައެވެ.

އަންހެން މީހާއަށް ފުލުހުން އަނިޔާކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތައް އާއްމުވުމުން ފުލުހުންނަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޮޔަބެ

    މިއީ އިންސާފު، އަސްލުގަ އާދައިގެ ފުލުހުން ރައްޔިތުން ގާގައި ތަޅަނީ އެގޮތަށް އަމަލްކުރަން އޯޑަރ ދޭތީ ކަމަށް ރައްތިތުންދެކޭ. . ހަމީދޫ، ދިވެހިބަސް ނޭގެނީތޯ، މުޅިން އިގިރޭސިބަހުން ޓްވީޓްކުރައްވަނީ، ކޮބާލަނދު ދިވެހިންގެ ވާޖިބެއް އަދާކުރަން ޔުނިފޯމް އަޅައިގެންހުރެ ދިވެހިބަހުން ލިޔަން ނޭގުމީ ވަޒީފާއަށް ފިޓްނޫންކަން ޔަގީން.. ތިކުރީ ވަރަށްބޮޑް އަނިޔާ، އަދި އެތަނުގަ ތިބި ފިރިހެންކުދިންގާގަވެސް ވަރަށް ތެޅިކަމަށްވޭ....އަނިޔާ ކޮށްގެން ދިވެހިން މައިތިރިކުރެވޭނެކަމަށް 30 އަހަރުވަންދެން މައުމޫނު ބެލި، އެހެނަސް ވީ ފެއިލް. ހަމީދުމެންގެ ފޯހަކީ އަނިޔާގެ ފޯސް... ތިހެން ނަހައްދަވާ، އަބަދަކު މަގާމުގަ ނުހުރެވޭނެ...އަބަދަކު ފުއްޕާފަ ނުތިބެވޭނެ... ދިވެހިންނަށް އަނިޔާ ނުކުރައްވާ....

    30
    2
  2. ހަސަންް

    މި ނޫން ދުވަހެއް ދައްކަވާނދޭވެ.

    21
    1
  3. އަލީ

    ސަޅިކަމެއް. ވަގުން ވައްކަން ކޮށްފަ ވަގުން އަމިއްލަޔަކަށް މައްސަލަ ބެލުން ކަހަލަ ކަމެއްތީ.

    18
    1
  4. ދިވެއްސެއް

    ކައުންސިލް އިންތިހާބުން 100% ދެއްވާ، އޭރަށް ހުރިހާކަމެއް ހައްލުވެފަ އޮންނާނީ.

    11
    2
  5. ބޭރުމީހާ

    އޯގާތެރި ސަރުކާރު އެބައެނގެ އެއްނޫން

    9
    1
  6. ޕޕޕޕޕޕ

    މިނޫން ދުވަހެއް އެބަ އޮއް

  7. އަލިބެއްޔާ

    "އެއްވެސް ބޭފުޅަކު މިތާގައި މަޑު ކޮށްގެން ނުތިބުމަށް ދަންނަވަން.. މި އެންގުމާއި ޚިލާފިވެ މިތާގައި ނުތިބުމަށް ނަޞޭޙަތްތެރިވަން.. ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ޙާލަތެއްގައި ބާރުގެ ބޭނުން ކުރާނެ.. ބާރުގެ ބޭނުންކޮށްގެން ލިބޭ އެއްވެސް ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޒިންމާ ނުވާނެ ވާހަކަ ދަންނަވަން.."