މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ތަހުގީގު ނިންމުމަށް ޕްރޮސެކިއުޓަރ އޮފީހުން 15 ދުވަސް އިތުރުކޮށްދީފިއެވެ.

ހާދިސާ ހިނގާތާ 30 ދުވަހުގެ ތެރޭގައި ކޮންމެ މައްސަލައެއްގެވެސް ތަހުގީގު ފުލުހުން ނިންމަން ޖެހެއެވެ. އެހެން ނަމަވެސް އެމައްސަލައިގެ ތަހުގީގު އަދިވެސް ނިމިފައި ނުވުމުންނާއި އަދިވެސް އެމައްސަލައިގައި ބަލަން ޖެހޭ ކަންކަން ހުރުމާއި އެކު ފުލުހުންނަށް ވަނީ މައްސަލަ ބެލުމަށް އިތުރު 15 ދުވަސް ޕީޖީ އޮފީހުން ދީފައެވެ.

މި މައްސަލައާއި ގުޅިގެން ޅ. ހިންނަވަރު ބޮޑުހިޔާގޭ މުހައްމަދު އަދުހަމް 21 އަހަރު، ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ވަނީ ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ހަމަލާ ދެވިފައިވާ ކަމަށް އެއްބަސްވެފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އެކުށަށް އަދުހަމް އިއުތިރާފް ވެފައި ވީނަމަވެސް އެމައްސަލަ ހަމައެކަނި ބިނާކުރާނީ އިއުތިރާފްގެ މައްޗަށް ނޫން ކަމަށެވެ. އަދި އެމައްސަލައިގެ އިތުރު ކަންކަން ހުރިކަމަށް ގަބޫލު ކުރެވޭ ކަމަށާއި މިހާރު އަންނަނީ އެކަންކަން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގާސިމް މަރާލާފައި ވަނީ ފޭރެން ރާވައިގެން އަނދިރި ގޯޅިއަކަށް ޓެކްސީ ވައްދައިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނި ހާމަކޮށްފައެވެ.

ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރާއެކު، އަދުހަމް އެ ރޭ ލައިގެން ހުރި އަންނައުނުވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ހޯދާފައިވާ ހެކިތަކުން އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފައެވެ. ކުށުގެ އެކި ކަހަލަ ރެކޯޑުތައް ކުރިން ވެސް އޮންނަ އަދުހަމް ވަނީ މި މައްސަލައިގެ ތަހުޤީޤުގައި އާއި ކޯޓުގައި ވެސް ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ރިހެބިލިޓޭޝަނަށް ފަރުވާއަށް ދިއުމުގެ މަރުހަލާގައި ހުރި މީހެއްވެސް މެއެވެ.