އިންޖީނަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ރ. މަޑުއްވަރީން ކަރަންޓު ހިނގައްޖެއެވެ.

މަޑުއްވަރީން "ވަގުތު" އަށް މައުލޫމާތު ދިން އާންމު މީހަކު ބުނެފައި ވަނީ ކަރަންޓު ގޮސްފައި ވަނީ މިއަދު ހެނދުނު 9 ޖެހި އިރު ކަމަށާއި އޭގެ ފަހުން އަދި ކަރަންޓު ލިބިފައި ނުވާކަމަށެވެ.

އަދި ކަރަންޓު ކެނޑިފައި ވަނީ އިންޖީނުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ކަމަށާއި އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެވަގުތުން ފެށިގެން ކަރަންޓު ނުލިބި އޮތުމުގެ ސަބަބުން ސްކޫލަށް ކުދިން ފޮނުވުމަށް ވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ.

ނަމަވެސް ސްކޫލް އިންނަ މަގަށް ކަރަންޓު ފެނަކަ އިން ދިން ކަމަށް އޭނާ ބުންޏެވެ.

ރަށުގެ އެހެނިހެން ހިސާބުތަކަށް ކަރަންޓު ލިބޭނެ އިރެއް ނޭންގޭ ކަން އޭނާ ފާހަގަ ކުރިއެވެ. އަދި އެރަށުގެ އިންޖީނުގެއިން ކަރަންޓު ލިބޭނެ ވަކި ވަގުތެއް ހާމަކޮށްފައި ނުވާކަމަށް އޭނާ މައުލޫމާތު ދިނެވެ.

މިކަމާއި ގުޅިގެން ކައުންސިލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.