ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަ ކުރެވޭނަމަ ރާއްޖޭގައި ގާނޫނީ ހުކޫމަތެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިގިރޭސި ވިލާތުން ހިމާޔަތް ހޯދެއްވައިގެން ހުންނެއްވި ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން ނިންމި ނިންމުމާއި ގުޅިގެން ނިހާން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. ނިހާން ވިދާޅުވީ، "2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގ.ކެނެރީގޭ މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލުހުކުމެއް އޮވެ، އިންތިޚާބުގައި ވަދަކުރެވޭނަމަ ރާއްޖޭގައި ގަނޫނީ ހުކޫމަތް އޮތުމުގެ ބޭނުމެއް ނެތް" ކަމަށެވެ.

ނިހާން އިތުރަށް ވިދާޅުވީ "މިކަމުގައި ބޭރުގެ ޕްރެޝަރަށް ދީލާލަން ޖެހޭ ސަބަބެއް ނެތް" ކަމަށެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރަން ޖެހޭ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ ބުނެފައެވެ.

އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.

އެ ގުރޫޕުގެ ނިންމުގައި ވަނީ މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާގެ އޮޕަޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއެކޮށްފައިވާތީ، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ރާއްޖެއިން ބަަލައިގަންނަން ޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުރަބޯ

    އެމީހުނާ ޖެހުނީމާ ގާނޫނާ ގަވައިދު އެއީ އޮންނަ އެއްޗެއްނޫނޭ.

  2. ކޮސްނުގޮވާ

    ރާއްޖޭގައި މިހާރު ޤާނޫނެއް އޮވޭތަ

    • 100%

      ނޭނގޭތަ އެކޮޔާ؟؟؟؟

  3. އަލްޖިބްރާ

    ޤާނޫނު ކަލޭމެން ބޭނުންގޮތަކަށް ،ފުއްގަޑެއް މޮޑޭހެން މޮޑޭއިރު ތިބުނާޤާނޫނީ ހުކޫމަތް ކޮބާތަ ؟ މިޤައުމުގައި މިހާރު ޤާނޫނީ ހުކޫމަތެއް އޮތްކަމަކަށް ޤަބޫލެއް ނުކުރަން ! އޮތްހާވެސް ކަމަކީ ޔާމީނުގެ ލަދުހަޔާތް ކުޑަކަން !

  4. ރެޓޭ

    ކެނެރީގޭ މުޙައްމަދު ނަޝީދަކީ އެއްވެސް ހައިސިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުފޫހަމަވާ މީހެއް ނޫނެވެ. އޭނާއަކީ ގޮތެއް ފޮތެއް އަދަބެއް ސަދަބެއް ލަދެއްޙަޔާތެއް ހުންނަމީހެއް ނޫނެވެ. ޢަމުދުން ލާދީނީ ކަމާ ދޮގުހެދުން ވަނީ ހައްދު ފަހަނައަޅާފައެވެ. ރައީސްކަމުގެ މަޤާމުގައި ހުރެފައި މާ ހިތްތިރި މީހެއްކަމަށް ދައްކަންވެގެން ދުވެފައިގޮސް ނާސަރީ ގްރޭޑް ގެ ކުދިބަޔަކާއެކު ދެފައިވަށްކޮށްލާފައި އަކުންބަކުން ކުޅެންވެސް ފަށާފާނެއެވެ. އޭނާއަކީ ގަޅިކަންވެސް އެހާވަރުގެ މީހެކެވެ.

  5. ފިލި

    ނިހާނޫ ކަލޭ ކާރާ ގަޑިއާ ފުލެޓު ލިބުނުވަރުން ތިހުރީ ހަމަހޭގައެއް ނޫނެވެ. އދ. އެއްވެސް ގައުމެއްގެ ވެރިޔަކު ކަނޑަނައަޅައެވެ. ގާނޫނީ ހުކޫމަތޭ ކަލޭގެ ތި ދުލުން ނިކުތީމަވެސް ހައިރާންކަންލިބޭ. ނަޝީދަށް އެފުރުސަތުދޭން ގޮވީ އދ އިންއެކަނި ހެއްޔެވެ؟ މިގައުމުގެ ގިނަ ވަރަށް ގިނަބަޔަކު މެދުކެނޑުމެއްނެތި އެގޮވެލި ގޮވާ އަޑު ނުއިވެނީ ހެއްޔެވެ. ދެން ހުކުމެއްގެ އަދަބު ގައި ހުރިވާހަކައަށް ބަލާއިރު އެހުކުމަކީ ކަލޭގެ ބޮސް އަންގައިގެން ލިޔެދީގެން ކޮށްފައިވާ ހުކުމެކެވެ. 1 ފެބްރުއަރީ ގެ އަމުރުން އެއޮތީ އެކަން ސާބިތުވާށެވެ.

  6. އަބްދުއްލާ

    ނަސީދަށް ވީމަ ގާނޫނެއްވެސް އޮވެގެން ނުވޭ ކޯޓެއްވެސް ހުރެގެންނުވޭ ކުށެއްވެސް ނުހުރޭ މިއީ ވުޖޫދުން ފޮހެ ލަންޖެހޭ މީހެއްނޫންބާ ؟

  7. އެނގޭތަ

    ވެރިކަން ވައްޓާލުމުގެ ބާރު ރައްޔިތުންނަށް ނެތް ނަމަ ޤާނޫނުގެ ހުކޫމަތު އޮތުމުގެ ބޭނުމެއް ނެތް. ދައުރު ނިމޭއިރު ފަށާފައި ހުންނަ ޕްރޮޖެކްޓްތައް ނިންމަން އިތުރު ދައުރެއް. އެ ދައުރުގައި ފަށާ ޕްރޮޖެކްޓްތައް ނިންމަން އަނެއްކާ އިތުރު ދައުރެއް. ދައުރުން ދައުރު ލިބެންޏާ ހުކޫމަތުގެ ބޭނުމެއް އަސްލު ވެސް ނެތް.