ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕީޕީއެމް ޕްރައިމަރީ އަންނަ ފެބްރުއަރީ 7 ގައި ބާއްވަން ނިންމައިފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އިސް ތަރުޖަމާނޫ ހީނާ ވަލީދު ވިދާޅުވީ، އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުގައި ކަމަށެވެ. އަދި ގިނަ ބަޔަކަށް އެއްވަރަކަށް ވޯޓު ލިބިއްޖެނަމަ އިތުރު ބުރެއް ބާއްވާނެ ކަމަށާއި، އެގޮތުން އެ ބުރު އޮންނާނީ އެމަހުގެ 9 ވަނަ ދުވަހު ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"ޕާޓީގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު. އަދި ދެވަނަ ބުރަކަށް ދާނެ ޖެހިއްޖެ ނަމަ ބާއްވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު." ހީނާ ވިދާޅުވިއެވެ.

އެޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް އެ ފުރުސަތު ހުޅުވާލެވިފައެވެ.

ޕީޕީއެމްއިން އެ ޕާޓީގެ ޕްރައިމަރީ އަންނަ މަހު ބާއްވަން ހަމަޖައްސާފައިވާއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 31 ގައެވެ. ޖުމްހޫރީ ޕާޓިގެ ޕްރައިމަރީ އެ ޕާޓީން ނިންމާފައިވަނީ އަންނަ މަހުގެ 15 ގައި ބޭއްވުމަށެވެ.

ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ޖުމްލަ 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 33 ޕަސެންޓަކީ އަންހެން ކަނބަލުންނަށް ހާއްސަ 370 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު