އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ފުލުހުންގެ މުއައްސަސާއަށް ހަވާލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާއި ބެހޭ މަރުކަޒުގައި މިއަދު ކުރިޔަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެހެން އަހަރުތަކުގައިވެސް ފުލުހުން އިންތިހާބުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ދީފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ފުލުހުންނަށް ހަވާލުކުރިއިރު ނިމިދިޔަ މަޖިލިސް އިންތިހާބުގައި ބަޔާން ކުރެވުނު ކަންކަން މި އިންތިހާބުގައި ހިމެނޭނެކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އެހެންނަމަވެސް މި އިންތިހާބުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އެންމެ ބޮޑު ތަފާތަކީ ވޯޓުލާ މަރުކަޒުތައް ގިނަވުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އިންތިހާބެއްގެ ހުރިހާ ކަމެއް ކުރިޔަށް ގެންދިއުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތަކާއި އަޅާބަލާއިރު ވަރަށް ބުރަ ކަމެއް ކަމަށެވެ. އެގޮތުން މިފަދަ އިންތިހާބެއް ނުވަތަ ހަރަކާތެއް ބޭއްވޭނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެވެސް އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށް ޝަރީފު ވިދާޅުވިއެވެ. ގާނޫނުތަކުގައި އިލެކްޝަންސް ކޮމިޝަނުން އެހީތެރިކަމަކަށް އެދިއްޖެ ނަމަ އެކަމެއް ކޮށްދިނުމަކީ ދައުލަތުގެ އެހެން އިދާރާތަކާއި މުއައްސަސާތަކަށް ލާޒިމް ކަމެއްކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އިންތިހާބުތަކުގައި އިލެކްޝަނަށް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދެމުން ގެންދާ މުއައްސަސާއެއް ކަމަށެވެ.

"މި އެއްބަސްވުމަކީ މީގެކުރީގެ އިންތިހާބުތަކާއި ގުޅިގެންވެސް އެއްބަސްވާ އެއްބަސްވުމެއް. މިފަހަރުގެ އިންތިހާބުގައިވެސް މަޖިލިސް އިންތިހާބާއި ދާދި އެއްގޮތަކަށް އޮންނާނީ އެކަމަކު މިފަހަރު އިންތިހާބުގައި ތަފާތުވާނެ ކަމަކީ ވޭތުވެދިޔަ އިންތިހާބުތަކަށް ވުރެ ވޯޓުލާ މަރުކަޒުތަކުގެ އަދަދުތައް ގިނަވޭ، އަދި މާލޭގައި ބަލަހައްޓަން [ސަލާމަތީ ކަންކަން] ޖެހޭ ކަންކަންވެސް ގިނަވާނެ،" ޝަރީފު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުލުހުންނާއި އިލެކްޝަންސް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދީ ރައްކާތެރި ކޮށްދޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.