ނ.ހޮޅުދޫ، ރޯޒީ ބޭންކް، އިސްމާޢިލް ޢަބްދުއްރަޙުމާނުގެ މެއަށް ވަޅިން ޙަމަލާދީ މަރާލި މައްސަލައިގައި، "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ" އުފުލާފައިވާ، އެ ރަށު، އާޒާދުގެ ހާރޫނު އަބްދުއްލަޠީފްގެ މައްޗަށް އެ ކުށް ސާބިތު ކުރުމަށް، ދަޢުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަސް، މިއަދު ނަގައިފިއެވެ.

ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގައި ހެކިބަސް ދިނީ އިސްމާއިލްބެ އަށް ވަޅިން ޙަމަލާދިން ރޭ، އެ ހާދިސާ ހިނގި ތަނަށް ދިޔަ ދެ މީހުން ކަމަށްވާ، އދ. މަހިނބަދޫ އޯކިޑްވިލާ، ފާތިމަތު ޙަލީލް އާއި، ނ. ހޮޅުދޫ ބްލާސަމްގެ، މުޙައްމަދު ޞަޢީދެވެ.

އިސްމާއިލްބެއަށް ވަޅިން ޙަމަލާދީފައިވަނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީއެވެ. އިސްމާޢިލްބެ އަށް ދިން މި ޙަމަލާއާ ގުޅިގެން، އޭނާ ނިޔާވެފައިވަނީ، މެއަށް ލިބުނު ޒަޙަމްތަކަށް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

ހާރޫންގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ، 2105 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:30 އެހާކަންހާއިރު، ހޮޅުދޫ "މަސްޖިދުލް އިޚުލާޞް" މިސްކިތުން އިޝާ ނަމާދަށްފަހު އިސްމާއިލްބެ ފައިބައިގެން ދަނިކޮށް ހަނި ގޯޅިއެއްގައި ހާރޫން މަޑުކޮށްލައިގެން ހުރެ، އިސްމާއިލްބެއަށް ގޮވައި އެ ގޯޅިއަށް ވައްދާ އޭނާގެ މެޔަށް، ތިލައިގެ ދިގު މިނުގައި 10 އިންޗި ހުރި ވަޅިއަކުން ހަމަލާދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި، ހެކިބަސް ދެމުން، ފާތިމަތު ހަލީލް ބުނީ، ހޮޅުދޫ އަކީ އޭނާގެ ފިރިމީހާގެ ރަށް ކަމަށާއި، އެ ހާދިސާ ހިނގީ، ޗުއްޓީ އެއްގައި އެރަށަށް ގޮސް ހުއްޓާ ކަމަށެވެ.

"އެއީ އަޅުގަނޑުގެ ފިރިމީހާގެ ރަށް. އެ ހާދިސާ ހިނގީ އަޅުގަނޑު އެރަށަށް ޗުއްޓީ އެއްގަ ގޮސް ހުއްޓަ. އޭރު އަޅުގަނޑު ދިރިއުޅެމުން އައީ އެ ރަށު އިޙުރާމް ގޭގަ. އެކަމެއް ހިނގީ އެ ގޭގެ ގޯޅިގަނޑު ތެރޭގަ. އޭރު އަޅުގަނޑު ހުރީ އިހުރާމްގޭ ދޮރުމަތީގަ. ހުއްޓަ، ކުއްލި އަކަށް ވަރަށް ބާރު އަޑެއް އިވުނީ. އެއީ މީހެއްގެ ހަޅޭކުގެ އަޑު. ދެން އަޅުގަނޑުގެ ޅިއަނު ވަރަށް ބާރަށް އެ ދިމާލަށް ގޮސްފި، އަޅުގަނޑުވެސް ޅިއަނު ފަހަތުން ދިޔައިން. ފުރަތަމަވެސް އަޅުގަނޑުގެ ޅިއަނު އެހީ އިސްމާއިލްބޭ ކިހިނެތް ވެގެންހޭ ތި އުޅެނީ. ބުނީމަ ބުނީ މި އުޅެނީ އައިނު ބިންމައްޗަށް ވެއްޓިގެންނޭ. އޭރު އިސްމާއިލްބޭ އޮތީ ގުދުވެގެން. ދެން އަޅުގަނޑު ހަނދާންވަނީ އަޅުގަނޑުގެ ޅިއަނު ފޯނުންނޭ އަލިކުރީ. އަލިކުރި އިރު، އިސްމާއިލްބޭ ފައި ކައިރި ވަޅިއެއް އޮއްވާ ފެނުނު. އެހިސާބުން އެނގިއްޖެ ކޮންމެވެސް ކަމެއް ހިނގައިގެން އުޅޭކަން." މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ފާތިމަތު ކިޔައިދިނެވެ.

ފާތިމަތު ބުނީ، އެ ވަގުތު، އެ ގޯޅިތެރެއިން ނިކުމެގެން، ބޮޑު މަގުން ލާފަ މީހަކު ދިޔަ މަންޒަރު އޭނާގެ ޅިއަނަށް ފެނިފައިވާ ކަމަށާއި، ނަމަވެސް އެއީ ކާކުކަން ބުނަން ނޭނގޭ ކަމަށެވެ. އަދި އެ ޙަމަލާއާ ގުޅިގެން އިސްމާޢިލްބޭވެސް އެއްވެސް ވާހަކައެއް ޙިއްސާކޮށްފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ޅިޔަނަށް ފެނުނު އެ މަގުން ކޮންމެވެސް މީހަކު ދިޔަ ތަން. އެއީ ކާކުކަމެއް ބުނާކަށް ނޭނގެ. އެ ގޯޅިއަކީވެސް ވަރަށް އަނދިރި ގޯޅިއެއް. ކިހިނެއް ވެގެން ހޭ އުޅެނީ އެހީމަވެސް އިސްމާޢިލްބޭވެސް ނުބުނޭ މީހަކު ހަމަލާދިން ވާހަކައެއް. ބުނީ އައިނު ވެއްޓިގެން އުޅޭވަހަކަ. ނަމަވެސް އަޅުގަނޑަށްވެސް އިސްމާއިލްބޭ ގަމީހުން ލޭ ފެނުނު. އަދި ވަޅިވެސް ފެނުނު." ފާތިމަތު ބުންޏެވެ.

ފާތިމަތުގެ މި ވާހަކަ ތަކާއި ގުޅިގެން، މި މައްސަލައިގައި ދަޢުވާ ލިބޭ، ހާރޫންގެ ދިފާޢީ ވަކީލް ވަނީ އޭނާ އާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

"އެ ހާދިސާ ހިނގި ވަގުތު އެ ގޯޅިއަށް އެއްވެސް މީހަކު ވަތް ތަން ފެނުނުތޯ. އަދި އެއްވެސް މީހަކު ނިކުންނަނިކޮށް ފެނުނުތޯ. އިސްމާޢިލްބޭ ބުނިތޯ އެއްވެސް މީހަކު ޙަމަލާދިން ވާހަކަ. ނުނީ ޙަމަލާދެނިކޮށް އެއްވެސް މީހަކަށް ފެނިފަވާ ކަން ހެކިވެރިޔާ އަށް އެނގިފައިވޭތޯ. ދިފާޢުން ކުރި ސުވާލުތަކުގެ ތެރޭގައި ބުނެފައިވެއެވެ.

މި ސުވާލުތަކަށް ޖަވާބު ދެމުން، ހެކިވެރިޔާ ބުނީ، އެކަން ހިނގި ވަގުތު އެއްވެސް މީހަކު އެ ސަރަހައްދުން ދަނިކޮށް، ނުވަތަ އެ ގޯޅިތެރެއަށް ވަންނަނިކޮށްވެސް ފެނިފައިނުވާ ކަމަށާއި، ނަމަވެސް މީހަކު ދިޔަ ވާހަކަ އޭނާގެ ޅިއަނު ބުނި އަޑު އެހިން ކަމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެން ނަގާފައިވަނީ، ފާތިމަތުގެ ފިރިމީހާ، މުޙައްމަދު ޞަޢީދުގެ ހެކިބަހެވެ. މި ހާދިސއާ ގުޅިގެން، ހެކިބަސް ދެމުން، މުޙައްމަދު ޞަޢީދު ބުނެފައިވަނީ، އިސްމާޢިލްބޭގެ މެއަށް ވަޅިން ޙަމަލާދީފައި ވަނިކޮށް، ފެނިފައިވާ ކަމަށާއި، އޭރުވެސް އިސްމާއިލްބޭ ހުރީ މޭމަތީގައި އަތް އަޅައިގެން ކަމަށެވެ.

"އެރޭ އިޝާނަމާދުން ފައިބައިގެން ގެއަށް ދިޔައީ ދެ މީހުން އެއް މަގަކުން. އަޅުގަނޑު ދިރިއުޅޭ ގޭގެ ދޮރުމަތީގައި އިސްމާޢިލްބޭގެ ގެ ވެސް ހުންނާނީ. ނަމަވެސް އަޅުގަނޑުގެ ތަންކޮޅެއް ކުރީގަ އިސްމާއިލްބެ ހުރީ. ކުއްލިއަކަށް އަޅުގަނޑަށް އިސްމާއިލްބެ ގެއްލިއްޖެ. ދެން ފެނުނީ މީހުންތަކެއް އައިސް އެ ގޯޅިއަށް ވަތް ތަން. އަޅުގަނޑުވެސް ވަރަށް އަވަހަށް އެ ދިމާލަށް ދިޔައިން. ދިޔައިރު، އަޅުގަނޑުގެ ކޮއްކޮ މާއިޒު، އާއި އަޅުގަނޑުގެ އަންހެނުންނާއި، އަދިވެސް އެހެން ކުއްޖެއް އެތަނުގައި ހުރި. ކިހިނެއްވީހޭ އެހީމަ ބުނީ އައިނު ވެއްޓިގެން އުޅޭ ވާހަކަ. އޭރުވެސް އިސްމާއިލްބޭ އޮތީ ގުދަށް. ދެން އަޅުގަނޑުމެން އިސްމާޢިލްބޭ ނެގީ. ނެގި އިރު، ޓެނިސް ބޮޅަ އެއް ވަރުގެ ލޭ ގުޅައެއް މޭމަތީގަ ހުރި. އޭރުވެސް މޭމަތީގަ އަތް އަޅައިގެން އިސްމާޢިލްބެ ހުރީ." މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން މުޙައްމަދު ބުންޏެވެ.

ނ.ހޮޅުދޫ، ރޯޒީ ބޭންކް، އިސްމާޢިލް ޢަބްދުއްރަޙުމާނަކީ ހޮޅުދޫގައި ކުޑަ ކަތީބުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވަޅިން ޙަމަލާދިން އިރު، އިސްމާޢިލްބެ އަކީ އެ ރަށު އެއް މިސްކިތުގެ އިމާމުވެސް މެއެވެ.

މި މައްސަލައިގައި ދެންވެސް އޮތީ ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް އަޑުއެހުން ބާއްވާނެ ވަކި ދުވަހެއް ޝަރީޢަތުން އިޢުލާން ކޮށްފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ނަޖީބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންޖެ

    2015 ވަނަ އަހަރު ހިނގިކަމެއް އަދި ނުނިމޭ؟؟ މުޅިގައުމު މިތޮތީ ފެއިލްވެފައެއްނު.

    15
  2. ފަރީދު

    10 ވަރަކަށް އަހަރުތެރޭ ނިންމާލެވޭނެހެން ހީވަނީ.

  3. ޛހ

    ތިޔަބައިމީހުން ގެ މުސާރަ އަދިވެސް ކުޑަ! ޢެޖެންޑާ 19ގެ ދަށުން ފެނޭ މުސާރަ ބޮޑުކުރަން!

    6
    1