ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް 50 ފަރާތްތަކަށް ގާނޫނީ ވަކީލުން ދައުލަތުން ފޯރުކޮށްދީފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ދައުލަތުގެ ފަރާތުން މިދިޔަ އަހަރު 50 މީހަކަށް ގާނޫނީ ވަކީލުން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެ އޮފީހުން ބުނީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގާނޫނީ ވަކީލަކު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދިނުމަށް އެދި މިދިޔަ އަހަރު 105 ފަރާތަކުން އެދިފައިވާ ކަމަށެވެ. އޭގެތެރެއިން 39 ފަރާތަކުން ދައުލަތުގެ އެހީތެރިކަމާއި އެކުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ހުށަހަޅާ ފޯމަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅާފައި ނުވާތީ އެކަމަށް ގޮތެއް ނިމިފައި ނުވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އޭގެތެރެއިން 13 ފަރާތުން ދައުލަތުގެ ވަކީލުން އައްޔަން ކޮށްދިނުމުގައި ބަލާ މިންގަނޑުން ފާސްވެފައި ނުވާތީ ވަކީލަކު އައްޔަންކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ތިން ފަރާތަކުން ދައުލަތުގެ ވަކީލަކު އައްޔަންކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ 2018ވަނަ އަހަރަށްވުރެ 2019ވަނަ އަހަރު ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖައްސައި ދިނުމަށް އެދި ހުށަހެޅި މިންވަރު 84.21 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި 2018ވަނަ އަހަރާއި އަޅާބަލާއިރު 2019ވަނަ އަހަރު ދައުލަތުން ގާނޫނީ ވަކީލުން އައްޔަންކޮށްދީފައިވާ މިންވަރު 117.39 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް އެ އޮފީހުން މައުލޫމާތުދެއެވެ.

އެގޮތުން 2018ވަނަ އަހަރު ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަން ކޮށްދިނުމަށް އެދި އޭޖީ އޮފީހަށް ހުށަހަޅާފައި ވަނީ 57 ފަރާތެކެވެ. އޭގެތެރެއިން 21 ފަރާތަކުން ދައުލަތުގެ އެހީތެރިކަމާއި އެކުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ހުށަހަޅާ ފޯމަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅާފައި ނުވާތީ އެކަމަށް ގޮތެއް ނިމިފައި ނުވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އޭގެތެރެއިން 8 ފަރާތުން ދައުލަތުގެ ވަކީލުން އައްޔަން ކޮށްދިނުމުގައި ބަލާ މިންގަނޑުން ފާސްވެފައި ނުވާތީ ވަކީލަކު އައްޔަންކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަސް ފަރާތަކުން ދައުލަތުގެ ވަކީލަކު އައްޔަންކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ. އެ އަހަރުގެ ތެރޭގައި ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަންކޮށްދީފައި ވަނީ 23 ފަރާތަކަށެވެ.