ދާދިފަހުން ދެހާދިސާއެއްގައި ކަނޑުމައްޗަށް ގެއްލުނު ދެމީހަކު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި އަދިވެސް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުން އަދިވެސް ހުއްޓާ ނުލައި ކުރަމުން ދާނެ ކަމަށެވެ.

ސިފައިން މިހާރު ހޯދަމުން ދަނީ ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދު ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލިފައިވާ ބ. އޭދަފުށީ އުމުރުން 41، ނަސްރުﷲ އަހުމަދު އާއި މާލެ އަތޮޅު ކަގީ ފަރަށް އެރި މުދާ އުފުލާ ދޯނީގެ ކައްޕި، ހދ. ކުޅުދުއްފުށީ މުހައްމަދު ޔޫސުފް، 37، އެވެ.

ނަސްރުﷲ ދުއްވަން އިން ޑިންގީ ވަނީ ދާދި ފަހުން ކަނޑު އަޑިން ހޯދައިފައެވެ. އޭނާ ގެއްލުނީި ރޭގަނޑުގެ ވަގުތެއްގައި ކަމަށް ވެއެވެ. އެހެން ނަަމަވެސް ގެއްލުނު ވަކި ސަރަހައްދެއް ނޭންގޭ ކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ.

ނަސްރުﷲ ހޯދުމުގައި އުނދަގޫތަކެއް ވަމުން ދަނީ، އޭނާ ގެއްލުނު ސީދާ ސަރަހައްދު ނޭނގުމުން ކަަމަށް އެމްއެންޑީއެފް އިން ކުރިން ވަނީ ވިދާޅުވެފައެެވެ.

ދޯނި ކައްޕި ޔޫސުފް ގެއްލުނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެހާދިސާގައި ސުވާލު އުފެދޭ ބައެއް ކަންކަން ހުރުމުން ފުލުހުންވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކައްޕި ގެއްލުނު ހާދިސާގައި ސިފައިން މިހާތަނަށް ހޯދި ހޯދުމުން ކަނޑު އަޑިން ބޮކްސާ އަކާއި ލޭކަމަށް ބެލެވޭ އެއްޗެއް ހުރި ތުވާއްޔެއް ވަނީ ފެނިފައެވެ. އެހެން ނަަމަވެސް އެއީ އޭނާގެ އެއްޗިހިތަކެއް ކަމަށް މިހާތަނަށް ފުލުހުން އަދި ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

މި ދެހާދިސާ ވެސް ހިނގާފައި ވަނީ ދާދި އެއް ދުވަސްވަރެއްގައި ކަމުން ސިފައިން މި ދެމީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން ދަނީ އެކުއެކީގައެވެ.