ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޙަސަންދީދީ، އެ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން މިހާތަނަށް ނުވަ ފަރާތެއްގެ ބަޔާން ނަގައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު އޭނާގެ ވަޓްސްއެޕް ގްރޫޕުގައި ވަނީ، މިމައްސަލައިގެ ތަހުގީގު މިހާރު ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަ އާއި ގުޅޭ އިތުރު ފަރާތްތަކާއި ސުވާކު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ނނުވަ ފަރާތަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް އިޒްމިއާ ވިދާޅުވިއެވެ.

"މިދެންނެވުނު މައްސަލަ ހުށަހެޅުމާއި އެކު މި މައްސަލަ ކޭސް ކުރެވިގެން މައްސަލައިގެ ތަޙްޤީޤް ކުރިއަށް ގެންދާ ކަމުގައި ދަންނަވަމެވެ. މި މައްސަލައިގެ ތަޙްޤީޤް ގައި މިހާތަނަށް، 09 ފަރާތަކާއި ސުވާލުކޮށް ބަޔާން ނެގިފައިވޭ، އަދި މި މައްސަލައިގެ ތަޙްޤީޤް ގައި ފާހަގަ ކުރެވިފައިވާ އިތުރު ކަންކަމާއި ގުޅިގެން އިތުރު ފަރާތްތަކައި ސުވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. އަދި ތަޙްޤީޤަށް އިތުރު ހެއްކާއި ޤަރީނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމުގައި ދަންނަވަމެވެ"އިޒްމިއާ ވިދާޅުވެފައި ވިއެވެ.

މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލަތަކެއް ޖުޑީޝީއަލް ސާވިސް ކޮމިޝަނުންވެސް ދަނީ ބަލަމުންނެވެ.

ޖޭއެސްސީން ވިދާޅުވީ، އިސް މެޖިސްޓްރޭޓް ހަސަން ދީދީ އާ ގުޅޭގޮތުން ބަލަމުން ދަނީ، މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ޝަކުވާއަކާއި މާލިއްޔަތު ގަވާއިދާއި ހިލާފަށް އަމަލު ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރާ މައްސަލައަކާއި، އަވަގުރާނަ ގޮވި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި، މުވައްޒަފުންނަށް އޮރިޔާން ވީޑިއޯ ދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި ހެކިން ބަޔާން ނެގުމަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ އިތުރުން، މާރާމާރީ ހިންގުމަށް ހިތްވަރުދިން ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި، ހުތުރު އެއްޗެހި ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެސޮރު

    ކީކުރަން ހޯދާ ހެއްކެއް ތޯއެވެ ތިޔައެެއް ނުފެންނާނެ.

  2. މީހާ

    ކަލޭމެން ތިއުޅެނީ މީހަކު ޖަލަށް ނުގޮސް ހުރީތީ އެކަމާ ކަންބޮޑުވެގެންތަ؟ އިސްލާހު ވާނެ ފުރުސަތު ދީ މާފު ކުރުމުގެ ވިސްނުން ކަލޭމެންގެ ކިބައިގަ ނުހުންނަނީ ކީއްވެ؟ މުސްލިމް ވީމަތަ؟