މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

22:45

ޗައިނާގެ އިތުރު ފަސް ސްޓޭޓަކުން ކޮރޯނާ ވައިރަސް ފެނިއްޖެ. އެހެންކަމުން މިހާރު ޗައިނާ އިން ކޮރޯނާ ވައިރަސްގެ އަސަރު ކުރި މީހުންގެ އަދަދު ވަނީ 547 އަށް އަރާފައި.

22:42

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

22:29

ޖުލައި މަހު އޮންނަ އޮލިމްޕިކްސް އަށް ބޮކްސިން އިން ކޮލިފައިވާނެ ކުޅުންތެރިން ހޮވަން ވުހާން ސްޓޭޓްގައި ބާއްވަން ނިންމާފައި އޮތް މުބާރާތް ކެންސަލްކޮށްފި.

22:27

ޖެނީވާގައި ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ކުއްލި ބައްދަލުވުމަށްފަހު އެޖަމިއްޔާގެ ނިންމުންތައް މިރޭ އިއުލާން ކުރައްވާނެ. ބެލެވޭ ގޮތުގައި ޑަބްލިއުއެޗްއޯގެ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ ރާއްޖޭ ގަޑިން 23:00 ހާއިރު. ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯ އިން އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަންތައްތަކުގެ ތެރޭގައި ބޯޑަރުތަކުގައި ސްކްރީނިން ކުރިއަށް ގެންދަންވީ ގޮތަކާއި ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދަންވީ ގޮތް ހިމެނޭ.

21:40

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުން ވަރަށް ގާތް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

21:28

ކޮރޯނާ ވައިރަސް އެންމެ ވަރުގަދައަށް ފެތުރިފައިވާ ވުހާން ސްޓޭޓްގައި ދިރިއުޅޭ އެންމެން ގެއިން ބޭރަށް ނިކުންނަމަ މޫނުގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް ކަނޑައަޅައިފި. އެއްވެސް އާއްމު ޚިދުމަތެއް ދޭތަނަކަށް މާކް އަޅައިގެން ނެތް މީހަކު ވަނުމަކީ މަނާކަމެއް ކަމަށާއި، ޚިދުމަތެއް ހޯދަން އަންނަ މީހުންނަކީ މާސްކް އަޅައިގެން ހުރި މީހަކުކަން ކަށަވަރު ކުރުން އެއީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވުހާން ސްޓޭޓް ސަރުކާރުން ވަނީ ނިންމާފައެވެ.

20:43

މި ވައިރަސް އަންނަނީ ހަލުވި ކަމާއި އެކު ފެތުރެމުން.

ހަތަރުހާސް މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެދާނެ - ސައިންޓިސްޓުން

20:29

މަރުވެފައިވާ އެންމެންނަކީވެސް ޗައިނާ މީހުން.

18:12

ނުރައްކާތެރި ކޮރޯނާ ވައިރަސް އެމެރިކާއިންވެސް ފެނިފައިވާއިރު، އެގައުމުގައި އެ ބަލި އިތުރަށް ފެތުރި ދިއުމުގެ ބިރު ނެތް ކަމަށާއި އެބަލި އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ.

18:10

ޗައިނާގެ ވުހާން ސިޓީ އަށް ކޮންމެހެން ނޫނީ ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އިތުރު އެހެން ދަތުރުތައް ނުކުރުމަށް ޓައިވާންގެ ސަރުކާރުން އަންގައިފި. އެގައުމުގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އިން ވަނީ ވުހާން އަށް ލެވެލް 3 ގެ ޓްރެވަލް އެޑްވައިޒަރީ ނެރެފަ.

18:09

ޗައިނާގެ ވުހާން އިން އެކި ގައުމުތަކަށް ދާ މީހުން އެގައުމުތަކުގެ އެއާޕޯޓުތަކުގައި ބޭތިއްބުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފަ. އެގޮތުން ލަންޑަނާއި ހޮންކޮންގް އަދި އެހެން ގައުމުތަކުންވެސް ދަނީ މި ފިޔަވަޅު އަޅަމުން.

18:05

ކޮރޯނާ ވައިރަސްގެ ސަބަބުން މިހާތަނަށް ނުވަ މީހަކު ވަނީ މަރުވެފަ.

18:01

ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 15 އަހަރުގެ ފިރިހެން ކުއްޖެއްގެ އިންފެކްޝަން އުފެދި ހަނދާންތައް ފޮހެވުމާ ގުޅިގެން އެ ކުއްޖާ އަށް ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފި.

17:56

ކޮރޯނާވައިރަސްގެ އައުޓްބްރޭކްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކުއްލި ބައްދަލުވުމެއް ފަށައިފި. އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރު ޗައިނާއިން ފެނިގެން އުޅޭ ކޮރޯނާ ވައިރަސްގެ އައު ބާވަތާ ގުޅޭ ގޮތުން. މި ބައްދަލުވުން ޗެއާ ކުރަނީ އިންޓަނޭޝަނަލް ހެލްތް ރެގިއުލޭޝަންސް އެމެޖެންސީ ކޮމެޓީގެ ޗެއާޕާސަން، ޑރ. ޑިޑިއާ ހޮސިން.

17:27

އަންހެނުން ހިތާނަ ކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ސިޓީ ބާތިލްކޮށްފި.

15:29

އުތުރުގެ ރަށެއްގައި ހަ އަހަރުގެ ކުއްޖަކު ކަނު ބަނުމަށްފަހު ޖިންސީ ގުޅުން ހިންގި މައްސަލައެއްގެ މައުލޫމާތު "ވަގުތު"އަށް ލިބިއްޖެއެ.

15:17

14:34

ރާއްޖެފަދަ ގައުމުތަކުންވެސް ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރެވުނު ނަމަވެސް މުޅި ދުނިޔެއިންވެސް ކޮރޯނާ ވައިރަހުން ޓެސްޓު ކުރެވޭނީ އެންމެ ދެގައުމުން ކަމަށް ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރްވިން މާތުރު ވިދާޅުވެއްޖެ.

13:47

ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަަށް ޖިންސީ ގޯނާ ކުރި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފި.

12:48

ހަތަރު މީހަކު ތިބި އުޅަނދެއް އަޑިއަށް ގޮސް އޭގައި ތިބި ހަތަރު މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.

12:20

ޗައިނާގައި މިހާރު ފެތުރެމުން އަންނަ އާ ވައްތަރެއްގެ ވައިރަހެއް ކަމަށްވާ ކޮރޯނާ ވައިރަހަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

11:43

ކުއްލި ގޮތަކަށް ރަޝިއާގެ ކެބިނެޓް މިދިޔަ ހަފްތާގައި އިސްތިއުފާ ދިނުމުން އަލުން އާ ކެބިނެޓެއް އެކުލަވާލިއިރު މުހިއްމު މަގާމުތަކަށް ކުރިން ވެސް އެމަގާމުތަކުގައި ތިއްބެވި ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

11:32

ޗައިނާގައި މިހާރު ފެތުރެމުން އަންނަ އާ ވައްތަރެއްގެ ވައިރަހެއް ކަމަށްވާ ކޮރޯނާ ވައިރަހަށް ސްކްރީން ކުރުމުގެ ކަންކަން ރާއްޖޭގެ އެއާޕޯޓުތަކުގައި ވަރުގަދަ ކުރުމަށް ޑރ. އަބްދުﷲ ނިޔާފް ގޮވާލައްވައިފިއެވެ.

11:24

ކޮރޯނާ ވައިރަސްއަށް ޗައިނާގެ ވުހާންގައި ފަރުވާ ދެމުންގެންދާ މީހުންގެ ތެރެއިން 51 މީހެއްގެ ހާލު ސީރިއަސް ކަމަށާއި އަދި އިތުރު 12 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވެއްޖެ.

11:22

ޖެންޑާ މިނިސްޓްރީގެ މިނިސްޓްރީގެ އެންމެ މުހިއްމު އެއް ޑިޕާޓްމަންޓުގެ ވެރިން އެބޭފުޅުން ތިއްބެވި މަގާމުތަކުން ދުރުކޮށް އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފި އެވެ.

11:11

ކޮރޯނާވައިރަސް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށާއި ފެތުރެމުންދާ ގޮތް ހޯދުމަށް ސައިންސްވެރިން ދަނީ މަސައްކަތް ކުރަމުން. ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިން. އޭގެ ފަހުން 25 ގައުމަކުން މި ބަލި ފެނިފައިވޭ.

11:10

ޗައިނާ އިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 440 އަށް އަރައިފި. މިއީ އިއްޔެއަށް ވުރެ 145 މީހުން އިތުރު އަދަދެއް. މިހާރު އެގައުމުގެ 13 ޕްރޮވިންސަކުން ވަނީ ވައިރަސް ފެނިފައި. ކޮރޯނާ ވައިރަސް ފެނުނު ގައުމުތަކުގެ އަދަދު ވަނީ މިހާރު ހަތަކަށް އަރާފައި. އެއީ ޗައިނާ، މަކާއޯ، ޓައިވާން، ޖަޕާން، ތައިލެންޑް، ދެކުނު ކޮރެއާ އަދި އެމެރިކާ.

10:57

2003 ވަނަ އަހަރު ސާސް ރޯގާ ޗައިނާގައި ފެތުރިގެން ދިޔަ ގޮތައް ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް އެގައުމުން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައި. ސާސް ރޯގާ ބޮޑަށް ފެތުރިގެން ދިޔައީ އޭރު ޗައިނާ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި.

10:55

ކޮރޯނާ ވައިރަސް ފެތުރިދާނެތީ ފަތުރުވެރިންނަށް ގައުމުގެ ބޯޑަރުތައް ބަންދުކުރާނެ ކަމަށް އުތުރު ކޮރެއާ އިން ބުނެފި. އުތުރު ކޮރެއާ އަކީ ދުނިޔެ އާއި ވަރަށް އެކަހެރި އެހެން ގައުމުތަކާއި ގުޅުން ކުޑަ ގައުމެއް ނަމަވެސް ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް އުތުރު ކޮރެއާ އަށް ޒިޔާރަތް ކުރޭ.

10:51

އަތޮޅު ތެރޭ ރަށްރަށުގައި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގައި ހިލޭ 5000 މީހުން ތަމްރީން ކުރުމުގެ މޯލްޑިވްސް ޕޮލިޓެކްނިކް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

10:50

10:49

ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު ނުވައަކަށް އަރާފައި ވާއިރު މިހާތަނަށް މި ވައިރަސްގެ އަސަރު ކޮށްފައިވާކަން އެނގިފައިވާ މީހުންގެ އަދަދު 400 އަށް ވުރެ ގިނަ.

09:50

މަކާއޯ އިން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ ކަމަށް ރިޕޯޓްތައް ބުނޭ. މިއީ މި ވައިރަސް ފެނުނު ހަވަނަ ގައުމު.

09:50

ޗައިނާ އިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް ގައި މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައިފި ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

09:43

މީސްމީޑިއާގައި ފިޓް ފާޒިލްގެ ނަމުން މަޝްހޫރު، މޮޑެލް އަދި ފިޓްނެސް ޓްރެއިނާ ފާޒިލް އިސްމާއިލް އާއި މެދު އޭނާގެ ކުރީގެ ލޯބިވެރިޔާ، މަރިޔަމް އިޝްވާ އަލީ (އިޝޫ ވަހީދު) ގެވެށި އަނިޔާ އާއި އޮޅުވާލުމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ހިނގި މުހިއްމު ކަންތައްތަކަށް ބަލާއިރު ސްކޫލެއްގެ ލީޑިން ޓީޗަރަކު ކުއްޖަކަށް ޖިންސީ ގޯނާކޮށް އެމައްސަލަ ސިއްރު ކުރަން މަސައްކަތް ކުރި ޚަބަރު މިއަދު ލިބިފައި ވެއެވެ.

ދެ އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވަނީ ހުށަހަޅުއްވާފައެވެ.

ދޮންބައްޕަ އާއި އޭނާގެ ދަރިފުޅު ވެގެން ރޭޕް ކުރި ހަތް އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި ހެކިބަސް ދިން ހެކިވެރިޔަކަށް އަދިވެސް ބިރުދައްކަމުންދާ ކަމުގެ މައުލޫމާތު މިއަދު ވެސް ލިބިފައި ވެއެވެ.

ކ.މާފުށި އެކި ސަރަހައްދުތަކުންނާއި ގޯތި ގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާކަމަށް އެ ރަށު ކައުންސިލުން މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން މިއަދު ވަނީ މަގާމުން ދުރުކޮށްފައެވެ.

ފިހާރަތަކުން ވައްކަން ކުރާ ދެ ބިދޭސީއެއްގެ ވީޑިއޯ މިއަދު މީސް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

އޭސީޕީ ރިޔާޒުގެ މައްޗަށް ރައުދާގެ ބައްޕަ މިއަދު ވަނީ އިތުރު ތުހުމަތުތަކެއް ކޮށްފައެވެ.

ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ މުނިކާފައަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު މިރޭ ވަނީ ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވާ ޑިމޮކްރަސީ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވަނީ ސުވާލު ކުރައްވާފައެވެ.

މިއަދު ދެން ހިނގައިދިޔަ އެއް ކަމަކީ ކޯޓުން ބޭރުން 15 އަހަރުގެ އަންހެން ކުއްޖަކާ "އިނދެގެން" އުޅުނު މީހަކު ހައްޔަރުކުރި ޚަބަރެވެ.

އިތުރު ޚަބަރުތައް އިއްޔެގެ ލައިވް ބްލޮގް އިން ފެންނާނެއެވެ.