ޖެންޑާ މިނިސްޓްރީގެ މިނިސްޓްރީގެ އެންމެ މުހިއްމު އެއް ޑިޕާޓްމަންޓުގެ ވެރިން އެބޭފުޅުން ތިއްބެވި މަގާމުތަކުން ދުރުކޮށް އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ފިޔަވަޅު އެޅީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ. ނަމަވެސް ގެނައި ބަދަލުތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

ޖެންޑާ މިނިސްޓްރީގެ އެންމެ ބޮޑު އެއް ޑިވިޝަން ކަމަށްވާ ސޯޝަލް ސާވިސް ޑިވިޝަންގެ އިސްވެރިޔަކަށް ހުންނެވި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކްރަމް ހުސައިން އާއި ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ އަޝްރަފު ވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފަ އެވެ.

އަކްރަމް މިހާތަނަށް ހުންނެވީ ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާމުގަ އެވެ. އަޝްރަފަކީ ޑިވިޝަންގެ ސުޕަވައިޒަރަކަށެވެ.

ސޯޝަލް ޑިވިޝަނަކީ ރާއްޖޭގެ އިޖުތިމާއީ ހާލަތު ބެލެހެއްޓުމާއި މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް، ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮންނަ ޑިވިޝަނެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާއި އަންހެނުން އަދި ގެވެށި އަނިޔާގެ މައްސަލަތަކުގައި ފިޔަވަޅު އަޅަން ޖެހެނީ އެ ޑިވިޝަނުންނެވެ.

ޖެންޑާ މިނިސްޓްރީގެ މުހިއްމު މަގާމުތަކަކަށް ބަދަލު ގެނެސްފައި ވާއިރު އުމުރުން ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި މިނިސްޓްރީން ފިޔަވަޅު އެޅުން ލަސްވެގެންނާއި މަސްތުވާތަކެތި ބޭނުންކުރާ މައިންބަފައިންގެ ކައިރީގައި ކުއްޖާ ބަހައްޓާފައި ހުރިއިރު ވެސް ސަރުކާރަށް އެކަން ނޭނގި އޮތުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީން ގޯހެއް ހަދާފައިވާ ކަމަކަށް މިނިސްޓަރ ޝިދާތާ ގަބޫލެއް ނުކުރައްވައެވެ. އެކަމަނާ ވިދާޅުވެފައި ވަނީ ހާދިސާގެ ރިޕޯޓް ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފިޔަވަޅު އެޅިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލަކަ

    ގޯހެއް ނުހަދާ. ނުބައިހެދީ.

    9
    1
  2. ހުސައިން އިބްރާހީމް

    ރާޒުވާ ކުޅިބައެއްހެން މަޤާމް ތަކުގައި ތިބޭމީހުންބަދަލްކުރުމަކުން ކަންކަންހައްލެއްނުވާނެ ހައްލުވާނީ ވިސްނުންތެރިކަމާއި އެކުމަސައްކަތްކޮޓްގެނެވެ.

    5
    3
  3. ބްރޯސް

    ތީ ރަނގަޅު ބަދަލެއް.. ސްޓްރެސް ފުލް ޖޮބް ތަކުގައި އެކަކު އެހާ ދުވަހު އިސްކޮށް ބެހެއްޓުން ބުއްދިވެރިއެއް ނޫން.

    3
    2
  4. މަރީ

    ޕާފޯމް ނުކުރެވޭމީހުން އެހެންމަގާމަކަށް ބަދަލުކުރުމުގެ ބަދަލުގައި ޖެހޭނީ ކަޑާލަން.

    1
    2
  5. ހަމްދާން

    ޖެންޑާ މިނިސްޓުރީ އުވާލާފަ..ތަންކޮޅެއް ހަރުދަނާ ސިސްޓަމެޓިކް އަދި ދުނިޔޭގެ ޗައިލްޑު ޕުރޮޓެކްޝަން ސާވިސަސްތަކާއި އެއް ހަމައަކައް ގެނެވިފައިވާ ކޮލިޓީ ޚިދުމަތްދޭތަނެއް ނުއުފެންދެންވީ ކީއްވެ. މިއީ ސިޔާސީ މިނިސްޓަރަކު ލައިގެން ހިންގޭނެ ކަމެއް ނޫން. އެތަންވާންޖެހެނީ އިންޑިޕެންޑެންޓު ތަނަކައް.

    1
    1