ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސެއިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ނުވަތަ ބްލައިންޑް އެސޯސިއޭޝަންގެ އަހަރީ ދުވަސް މި ފަހަރު ފާހަގަކުރަން ނިންމާފައި ވަނީ އެހެންމީހުންނަށް ފައިދާ ވާނެ ގޮތަކަށް ވިސްނައިގެން ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަންގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެ އެސޯސިއޭޝަންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މި ފަހަރު ބާއްވާ ހުރިހާ ހަރަކާތްތަކަކީވެސް އެހެން މީހުންނަށް ފައިދާ ވާނެ ފަދަ ހަރަކާތްތައް ކަމަށެވެ.

އެގޮތުން އެ އެސޯސިއޭޝަންއިން ބާއްވާ ފުރަތަމަ ހަރަކާތަކީ ޚާއްސަ ދަރުސްއެއް ކަމަށާ، އެ ދަރުސް އޮންނާނީ މާދަމާ ރޭ 09:00ގައި އުކުޅަސް، ކޮންވެންޝަން ސެންޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ދަރުސް ދެއްވާނީ އައްޝައިހް ނިމާލް މުހައްމަދުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ދަރުސް ވީޓީވީއާއި ބްލައިންޑް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް، ލައިވްކުރުމަށް ވަނީ ނިންމާފައެވެ.

އެ އެސޯސިއޭޝަނުން އިންތިޒާމްކުރާ، ދެވަނަ ހަރަކާތެއްގެ ގޮތުން ބާއްވަން ނިންމާފައި ވަނީ ލޭ ހަދިޔާ ކުރުމުގެ އިވެންޓެކެވެ.

މޯލްޑިވްް ބްލަޑް ސަރވިސަސް އާއި ގުޅިގެން ހިންގާ މި ހަރަކާތް ކުރިއަށްދާނީ ކުރީގެ ތެލެސީމިއާ ސެންޓަރުގައި، މިމަހުގެ 25ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 05:00އަށެވެ.

"އަޅުގަނޑުމެން ވިސްނީ ކޮންކަމަކުންތޯ އެހެން ބަޔަކަށް އަޅުގަނޑުމެންނަށް އެހީތެރިވެވޭނީ. އެގޮތުން އަޅުގަނޑުމެންނަށް ވިސްނުނީ މިއީ ވަރަށް ރަނގަޅު ކަމެކޭ ލޭ ހަދިޔާ ކުރުމަކީ. ލޭ ހަދިޔާ ކުރުމަށް ވީހާވެސް ގިނަ ބަޔަކު އައުން އަޅުގަނޑުމެން އެދެނީ. އުންމީދަކީ 100 މީހުން ހަމަކުރުން." ބްލައިން އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

ބްލައިންޑް އެސޯސިއޭޝަންގެ އަހަރީ ދުވަހަކީ 26 ޖެނުއަރީ ވާ އާދީއްތަ ދުވަހެވެ.

2010އިން ފެށިގެން ހަރަކާތްތެރިވާ އެ ޖަމިއްޔާއަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކާއި ފެނުމުގައި ދަތިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ދެނެގަނެ އެފަރާތްތަކަށް ކުރިއެރުން ހޯދައި ދިނުމާއި، އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ލިބެން ޖެހޭ ހައްގުތަކަށް ވަކާލާތު ކުރމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.